މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އެ ބޭފުޅުންގެ ކެމްޕޭން ނިންމާލައިފިއެވެ.

ދެ ކެންޑިޑޭޓުންވެސް ކެމްޕެއިން ނިންމާލުމުގެ ގޮތުން މާލޭގައި ބޭއްވީ ހިނގާލުމެކެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކޯލިޝަނުން ހިނގާލުން ފެށީ ހަވީރު 4:30 އެހާކަންހާއިރު ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ. އެ ހިނގާލުން ނިންމާލާފައިވަނީ އެމްޑީޕީން ފުރަތަމަ ބުރުގެ ކެމްޕެއިންވެސް ނިންމި ޖަލްސާ ބޭއްވި އުސްފަސްގަނޑުގައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެމްއެންޕީގެ ހިނގާލުން ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. ހިނގާލުން ނިންމީ ފުރަތަމަ ބުރުގެ ކެމްޕެއިންވެސް ނިންމި ޖަލްސާ ބޭއްވި އާޓިފިޝަލް ބީޗަށެވެ. އެ ހިނގާލުމުގައި ޕީޕީއެމް/ ޕީއެންސީ އަދި އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ހެނދުނު 8:00 ޖަހާއިރު ފަށާނެއެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު 5:00 ޖެހުމާ ހަމަޔަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓެވެ. ރައީސަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ.

ދެވަނަ ބުރުގައި އިތުރު 12 ފޮށި ބަހައްޓާނެއެވެ. އެއާއެކު އެ އިންތިހާބުގައި ޖުމްލަ 586 ފޮށި ބަހައްޓާނެއެވެ.