فِي أَحْسَنِ تَقْوِيمٍ

0

އިންސާނާގެ ހަށިގަނޑަށް ނަޒަރެއް

(لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ)

މި އާޔަތުގެ ތަފުސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

އިންސާނާ ފިޔަވައި އެހެނިހެން ދިރޭތަކެތި މާތް ﷲ ހައްދަވާފައިވަނީ ބަނޑުފުށް ވަތަށެވެ. އެއާ ޚިލާފަށް އިންސާނާ ހައްދަވާފައިވަނީ، ދެފައިތިލަ މަތީގައި އިސްކޮޅަށް ތެދުވެ ހުރެވޭނެހެންނެވެ. އެއީ އެކަލާނގެ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އެފަދަ އަނެއް ނިޢުމަތަކީ ބުއްދީގެ ނިޢުމަތެވެ. ހަންދަސީ ނަޒަރަކުން ބަލާއިރު، މިފަދަ ބޮޑު އަނެއް ނިޢުމަތަކީ، އިންސާނާގެ ހަށިގަނޑުގެ ފަރުމާރޮނގު އެކަލާނގެ އިސްމުފުޅުގެ ބައްޓަމަށް ބައްޓަންކުރެއްވި ކަމެވެ. ނަމާދުގައި ރުކޫޢަށްދާ ކޮންމެ ފަހަރަކުމެ، އޭނާގެ ހަށިގަނޑު ﷲ ގެ އިސްމުފުޅުގެ ބައްޓަމަށް ތިރިވެއެވެ.

Advertisements

ތިރީގައި މިވަނީ އެކަން ބަޔާންކޮށްދޭ ތަޞްވީރެވެ.

މި ތަޞްވީރުގައި މިވަނީ، ރުކުޢުގައި އޮންނަންޖެހޭ ރަނގަޅު ގޮތެވެ. ފުރަތަމަ ކުރެހުމުގައިވާ ގޮތަށް މާބޮޑަށް ގުދުވެގެން އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މެދުގައިވާ ކުރެހުމުގައިވާ ގޮތަށް ގުދުނުވުމަކީ ވެސް ރުކޫޢުގެ ސިފައެއް ނޫނެވެ. ރަނގަޅު ގޮތަކީ، ބުރަކަށި ރަހައަށް އޮންނާނެހެން ތިންވަނަ ކުރެހުމުގައިވާ ގޮތަށް ރުކޫޢުކުރުމެވެ.

މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ނަމާދުގައި ރުކޫޢުކުރުމާއި ސަޖިދަކުރުމަކީ އިންސާނާގެ ހަށިގަނޑަށް ޖިސްމާނީ ގޮތުން ވެސް ނުހަނު ގިނަގުނަ ފައިދާތައް ލިއްބައިދޭ ކަމެކެވެ. އަދި އެއީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ދެ ޙަރަކާތެކެވެ.

އިންސާނާގެ ހަށިގަނޑުގެ ފަރުމާގައި ވެސް މިވަނީ، މާތް ﷲ ގެ ސިއްކަފުޅު ޖައްސަވާފައެވެ. ރުކޫޢުގައި އޮންނައިރު އޭނާގެ ހަށިގަނޑުގެ ފަރުމާރޮނގު ވެސް ބުނެދެނީ، (لله) އެވެ. މާނައީ، “ﷲ ގެ ޙަޟުރަތަށް” އެވެ. އިންސާނާއަކީ ވެސް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވާނޭ މަޚުލޫޤެއްކަން މިއިން އެބަ ތަޢުބީރުވެއެވެ. އަދި އެކަލާނގެއީ، އިންސާނާގެ ސާހިބުވަންރަ ރަސްކަލާނގެކަން ވެސް މިއިން އެބަ ތަޢުބީރުވެއެވެ. މިކަންކަމާމެދު ފިކުރު ހިންގައިލުމުން، އިންސާނާއަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ފަރުމާކުރައްވައި، އެކަލާނގެ ކަށަކުޅަދުންވަންތަކަމުން ހައްދަވާފައިވާ މަޚުލޫޤެއްކަން މޭރުންނުވޭތޯއެވެ؟

އިންސާނާގެ ހަށިގަނޑުގައި މާތް ﷲ ގެ ސިއްކަފުޅު ވަނީ ހަމައެކަނި، އޭނާގެ ހަށިގަނޑުގެ ފަރުމާރޮނގުގައެއް ނޫނެވެ. އެކަމަކު އޭނާގެ އެކިއެކި ގުނަވަންތަކުގައި ވެސް ވަނީ އެކަލާނގެ އިސްމުފުޅުން ސިއްކަ ޖައްސަވާފައެވެ. ތިރީގައިވާ ތަޞްވީރަށް ބައްލަވައިލައްވާށެވެ!

ޅެންބަހުން

ލަފުޡުލްޖަލާލާ

ޢަބްދުލްމުޢީދު ޙަސަން

ފަތަށް ބެލި އިރު ލޮލަށް ފެނުނީ، އެއިން ލަފުޡުލްޖަލާލާއޭ!!!

އަތަށް ބެލި ހިނދު ހިތަށް ނެގުނީ، އެއިން ލަފުޡުލްޖަލާލާއޭ!!!

ދުލުން ކިޔަކަސް ނުވަތަ ނުކިޔަސް، ކުރާ ޙަރަކާތްތަކުން ފެވެނީ،

ދުލާއި ދެ ތުންފަތުން އަސްތާ! ޒިކުރު ލަފުޡުލްޖަލާލާއޭ!!!

ހިތުން ޖަހަމުން މިދާ ވިންދާ، ލޮލަށް ވާޞިލުވެދާ އައްޔާ،

ދަތުން ޙައްޤީ އިވޭ އިރުގައި، އަޑުން ލަފުޒުލްޖަލާލާއޭ!!!

ގަހެއްގައި ގޮފި ހެލޭ އިރުގައި، ވަޔާއެކު ފަތް ލިޔާ ލިއުމީ،

މަހެއްގައި ވާ އުރަހަތައްހެން، ބުނަމެ ލަފުޡުލްޖަލާލާއޭ!!!

ކަނޑާ ފަޅުގައި ނަގާ ރާޅާ، ހިނގާ ދިގު ކޯރުތަކުގެ ފެނާ،

ލަނޑާ ތަހުލީލަކަށް ކިޔަނީ، އިތުރު ލަފުޒުލްޖަލާލާއޭ!!!

ވަޔާ މެހި ޖައްވުގައި އުދުހޭ، ނަޔާ ކިރުދޫނިތައް ފިޔައިން،

ކިޔާ ތަސްބީޙައީ އަބަދާ އަބަދު ލަފުޡުލްޖަލާލާއޭ!!!

ފަޒާގައިވާ ފަލަކުތަކުގައި، ވަމުން ދައުރާނަ ދާ ގުރަހައިން،

ފަޒާގައި ކުރަހަމުން އެދަނީ، ތެދޭ ލަފުޡުލްޖަލާލާއޭ!!!

އަރާހައި ހަނދުތަކެއް ރާސްތާ، މަތީގައި އެނބުރެމުންދާއިރު،

ބަރާބަރު އަކުރަކުން ލިޔަނީ، ޔަޤީން ލަފުޡުލްޖަލާލާއޭ!!!

ތަރިރުހަނދު ކައުނުގައި ކުރަހާ، ނުހަނު މަތިވެރިވި މަންޒަރަކީ،

ސަރިންދާ އިން ފުމޭ ރާގުން، އިވޭ ލަފުޡުލްޖަލާލާއޭ!!!

މިވާހައި އެއްޗަކާ މީހުން، އެއިން ޒައްރެއްގެ މިންވަރު ވެސް،

ނިވާ ނުމެކޮށް ކުރާ ޒިކުރީ، ކަލިމަ ލަފުޡުލްޖަލާލާއޭ!!!

ހިނގާއިރު ފައިގެ ޙަރަކާތާ، ދެއަތް ދެއަތަށް ހެލޭ ހެލުމާ،

ނިޤާބުވެ ފާޠިމާ ހުއްޓަސް، އެޅީ ލަފުޡުލްޖަލާލާއޭ!!!

ހިބާ ބަނޑި ލައްވަމުން ދާއިރު، ވަނާތައް ރަސްމުކުރަނީ ވެސް،

ތިބާ އަށް ނޭނގުނަސް މިތުރާ، އެ މާތް ލަފުޡުލްޖަލާލާއޭ!!!

މިކަންކަން ދޭހުގައި ލެއްވީ، މިއާމެދުގައި ފިކުރު ހިންގަން،

އެކަން ކުރުމުން ހިތަށް ވެރިވީ، ބޮޑަށް ލަފުޡުލްޖަލާލާއޭ!!!

ފަސްވަނަ ބައި: މަސައްކަތް

މިއީ، “މަޙްފަލުލް ޤުރުއާން” ގެ ޤުރުއާނާއި ސައިންސްގެ ބައިގެ މަސައްކަތު ކަރުދާހެވެ. (فِي أَحْسَنِ تَقْوِيمٍ) ގެ ނަމުގައި މި ކަރުދާސް ހުށަހެޅި ފަރާތުގެ އިޝްރާފާއި ބެލުމުގެ ދަށުން މި ކަރުދާހުގެ މަސައްކަތުގައި ބައިވެރިވުމަށް ނަން ހުށަހެޅީ އިސްލާމީ ޔުނިވަރސިޓީގެ ދެ ދަރިވަރެކެވެ. އެއީ:

 1. ޚައުލާ އިބްރާހީމް ފުޅު (A056105)، ދަރިވަރު ނަންބަރު: 002135، ކޯސް: BTQH/B-13
 2. ފާޠިމަތު ޙަނާ (A201376)، ދަރިވަރު ނަންބަރު: 002050، ކޯސް: BTQ/B-13

މަސައްކަތު ކަރުދާހުގެ ސުވާލުތައް

 1. ސޫރަތުލް ކައުޘަރުގެ އާޔަތްތައް ނިމެނީ އަލިފުބާގެ ކޮން އަކުރަކަށް؟
 2. ކީރިތި ޤުރުއާނުގައި ވަނީ، އެ އަކުރުން އާޔަތްތައް ނިމޭ ކިތައް ސޫރަތް؟
 3. ސޫރަތުލް ކައުޘަރަކީ އެ އަކުރުން ނިމޭ ކިތައްވަނަ ސޫރަތް؟
 4. ސޫރަތުލް ކައުޘަރުގައި ވަނީ ކިތައް ކަލިމަ؟
 5. ސޫރަތުލް ކައުޘަރުގެ ކޮންމެ އާޔަތެއްގައި ވަނީ ތަކުރާރުނުވާ ކިތައް އަކުރު؟
 6. ސޫރަތުލް ކައުޘަރުގައި އެންމެ ގިނައިން ތަކުރާރުވެފައިވަނީ ކޮން އަކުރެއް؟
 7. ސޫރަތުލް ކައުޘަރުގައި އެ އަކުރު ތަކުރާރުވީ ކިތައް ފަހަރު؟
 8. ސޫރަތުލް ކައުޘަރުގައި ތަކުރާރުނުވަނީ ކިތައް އަކުރު؟
 9. ސޫރަތުލް ކައުޘަރުގައި ބަޔާންކުރައްވާފައިވަނީ ކޮން ވާހަކައެއް؟
 10. އެ ވާހަކައާ ގުޅުންހުރީ ހިޖުރީ ކަލަންޑަރުން ކޮން މައްސަރެއްގެ ކޮން ދުވަހެއް؟

 

Advertisements