ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވޯޓުލައްވައިފިއެވެ.

ޔާމީން ވޯޓު ލައްވާފައިވަނީ މާފުށީގައި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި-2 އަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީން ވޯޓު ލެއްވި ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީން ވޯޓުލެވިފައި ނުވެއެވެ. ސަބަބަކީ ފުރަތަމަ ބުރުގައި އެއިންތިޒާމު ހަމަޖެހިފައިނުވުމެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މި ބުރު ކުރިއަށް ގެންދަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމާ ގުޅިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންގެ މެދުގައެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒެވެ.