މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތު ހަމަވެ ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމު ކުރި ތާފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ހަވީރު 04:00 އާ ހަމައަށް 221,496 މީހުން ވޯޓުލި ކަމަށެވެ. އެއީ ވޯޓުލާ ޖުމްލަ އާބާދީގެ ނިސްބަތުން 78.32 އިންސައްތަ އެވެ.

ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 111،273 އަންހެނުންނާއި، 110,223 ފިރިހެނުންނެވެ. އެ ވަގުތާ ހަމައަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 61,308 އެވެ.

އީސިން މައުލޫމާތު ދިން ގޮތުގައި އެއްވެސް ފޮށްޓެއްގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައި ނުވެ އެވެ. ނަމަވެސް, 05:00 ވީއިރު ކިއުގައި ތިބި އެންމެނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއަދުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި 8:00 ގައި ފެށި އިރު، ފުރަތަމަ އެއްގަޑިއިރު ތެރޭގައި ވެސް 36،312 މީހުން ވޯޓު ލާފައިވެ އެވެ.