ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވަނީ އިއްޔެ ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނުހަނު ބޮޑަށް އެއްބާރުލުން ދެއްވިކަމަށެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރްޙަލާގައި، ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.