އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ހުވާކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވިދާޅުވީ ދިވެހި ރައްޔިތުން ގޮތް ނިންމަވައިފިކަމަށާއި އިންތިހާބީ ރައީސާ އިއްޔެ ބައްދަލު ކުރައްވައި ކޮމިޓީއެއް ނެންގެވުމަށް މަޝްވަރާ ކުރެއްވި ކަމަށާއި މިހާރު އެ ކޮމިޓީ އެކުލަވާލައްވާފައިވާކަމަށެވެ.

ނޮވެމްބަރު 11 ގައި މުއިއްޒަށް ރައީސްކަމުގެ ހުވާ ކުރެވޭނެ ގާނޫނީ މަގެއް ހޯދޭތޯ މިހާރު ސަރުކާރުން ގާނޫނީ ލަފާ ހޯދަމުންދާކަން ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ ގާނޫނީ ހަމަތަކުގެ މަތީން ކުރެވޭ ކަމެއްވާނަމަ އެކަން ކޮށް ދެއްވާނެކަމަށެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

ނޮވެމްބަރު 11، ގައި ޑރ. މުއިއްޒަށް މަގާމުގެ ހުވާ ކުރެއްވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވާ ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސާލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޮވެމްބަރު 11 އެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު، ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވިއެވެ.

އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އަބްދުﷲ ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.

ކުރިން، 2018 ގެ ރިޔާސީ އިންތިހާބަށްފަހު ނޮވެމްބަރު 11 ގައި ރައީސް ސާލިހަށް މަގާމުގެ ހުވާ ކުރެއްވޭތޯ ވެރިކަން ހިންގާ ޕާޓީން މަސައްކަތް ކުރި އެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް އެއިރު އިލެކްޝަންސް ކޮމިޝަނުން ވެސް އޮތީ ބުނެފަ އެވެ.

ނޮވެމްބަރު 11 ގައި ހުވާ ރައީސް ސާލިހަށް ހުވާ ކުރެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ކޮމެޓީއެއްގައި ބަހުސް ވެސް ކުރި އެވެ. އެކަމަކު، ގާނޫނާ ހިލާފަށް މަގާމުގެ ހުވާ ކުރެއްވިކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުން ރައީސް ސޯލިހު ނިންމެވީ، ނޮވެމްބަރު 17 ގައި ހުވާ ކުރެއްވުމަށެވެ.