މިއަހަަރުގެ ޤައުމީ ޤުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައި ނާއިބް ރައީސް ވަނީ، މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ޤައުމީ ޤުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަޙްމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނައިބު ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޢިލްމުވެރިން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރައްވާފައެވެ.

ނާއިބް ރައީސް ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާ މުޖުތަމަޢުގެ އަފްރާދުންގެ ތެރޭގައި ރިވެތި ސިފަތައް އަށަގެންވުމަށް ޢިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.