އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް ނިންމަނީ

0
އަންނައަހަރު ނިމޭއިރު ހުރިހާ އެއާޕޯޓެއްގެ މަސައްކަތް ނިންމާނެކަމަށް ސަރުކާރުން ބުނޭ

އަންނަ އަހަރު ނިމޭއިރު ރާއްޖެއަށް ބޭނުންވާ މިހާރު މަސައްކަތްފަށާފައިވާއި، އަދި ފެށުމަށް ޕްލޭންކޮށްފައިވާ ހުރިހާ އެއާޕޯޓެއް ނިންމާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މިއަދު ބޭއްވި “ނުވަގަޑި” ޕްރޮގްރާމުގައި “ސަން” އާ ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ރާއްޖޭގައި މިހާރު 13 އެއާޕޯޓު ހިންގަމުން އަންނައިރު މިހާރު ތަރައްގީކުރާ އެއާޕޯޓު ތަކާއެކު ޖުމްލަ 22 އެއާޕޯޓު އޮންނާނެ ކަމަށެވެ.

“ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލާއިރު ރޭޑިއަސް 22 ކިލޯމީޓަރުގެ ސަރަހައްދެއް ކަވަރު ކުރާނެ. އެއީ 30 މިނެޓުން ދެވޭ ސަރަހައްދު،” ޒުހައިރު ވިދާޅުވިއެވެ.

Advertisement

ޒުހައިރު ވިދާޅުވީ އެއާޕޯޓުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަރަދާއި އެއާޕޯޓަށް ލިބޭ އާމްދަނީ އެއްވަރު ނުވުން ކަމަށެވެ.

“ރާއްޖޭގައި މިހާރު ހިންގާ 13 އެއާޕޯޓުގެ ތެރެއިން ބްރޭކް އީވެން ވަނީ އެންމެ ދެ އެއާޕޯޓު. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓު. ދަރަވަންދޫ އަށް ދުވާލަކު 18 އާއި 20 ފްލައިޓާ ދެމެދުގެ ފްލައިޓު ބާއްވާ. އެ ރަށުގެ ވަށައިގެން ރިސޯޓުތައް އޮންނައިރު، އެތަންތަނަށް ދާ ފަތުރުވެރިންނާއެކު މިހާބޮޑު ޑިމާންޑެއް މި އޮންނަނީ،” ޒުހައިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ 13 އެއާޕޯޓުގެ ތެރެއިން ރީޖަނަލް އެއާޕޯޓްސް އިން ބަލަހައްޓަނީ ހަތަރު އެއާޕޯޓެކެވެ. އެއީ ހަނިމާދޫ އެއާޕޯޓާއި ކާޑޭއްދޫ، ކުޅުދުއްފުށި އަދި ފުވައްމުލަކު އެއާޕޯޓެވެ.

“ފުވައްމުލަކު އެއާޕޯޓަށްވެސް ދުވާލަކު ފްލައިޓެއް ނޫނީ ދެ ފްލައިޓު މި ބާއްވަނީ. އެ ތަނުގައި ޓޫރިސްޓުންނަށް މާ ގިނަ އެކްޓިވިޓީސްތަކެއް ނެތް. އެކަމަކު ދާދިފަހުން ޓައިގާ ޝާކް ޕޮއިންޓެއް ޑިސްކަވާވުމާއެކު އެތަނަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެއްޖެ،” ޒުހައިރު ވިދާޅުވީ އެއާޕޯޓެއް ރަނގަޅު ފައިދާއަކާޢެކު ހިންގޭނީ ދުވާލަކު 20 ފްލައިޓު ބާއްވައިގެން ކަމަށެވެ.

ކުރިއަށް ހުޅުވަން ތައްޔާރުވާ އެއާޕޯޓުތައް:

ފުނަދޫ– މިހާރު ކުރިއަށްދަނީ ޓާމިނަލް އިމާރާތުގެ މަސައްކަތް. މަސައްކަތް ލަސްވާތީ ކޮންޓްރެކްޓަރު ބަދަލުކުރުމަށް އޭޖީގެ ލަފާހޯދަން ވަނީ ނިންމާފައި

މާފަރު – އެއާޕޯޓު ތަރައްގީކުރި ކުންފުނިން މިހާރު ވަނީ ދަތުރުތައް ފަށަން ތައްޔާރުވެފައި

މާވާރުލު – ރަންވޭގެ މަސައްކަތް ނިމިފައި. މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޓާމިނަލްގެ މަސައްކަތް ނިންމާ އެއާޕޯޓު ހުޅުވޭނެ

ފަރެސްމާތޮޑާ – ބިންހިއްކާ ނިމުމުން އެއާޕޯޓަށް ބޭނުންވާ ރަންވޭގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރަން ނިންމާފައި. އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ.

ހުވަރަފުށި – ބިން ހިއްކާ ނިމި، ތާރު އަޅަން ތައްޔާރުވެފައި.

މީގެ އިތުރުން މ މުލީގައި އެއާޕޯޓެއް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ސަރުކާރުން ވަނީ ނިންމާފައެވެ.

ސްޓޭޓު މިނިސްޓަރު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރާއިރު ގޮންޖެހުންތައް ގިނަ ކަމަށާއި ހާއްސަކޮށް ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެއްގައި ބިން ހިއްކުން ފަދަ ޕްރޮޖެކްޓުތައް ހިންގާއިރު ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަމަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here