އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފި

0

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެބޭނުންކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުށުގެ ވެށިންނެވެ.

Advertisements

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަލައިފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާކަމަަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މަޢުލޫމާތު: ޕޮލިސް ލައިފް ވެބްސައިޓުން

Advertisements