ވެރިކަމުގެ ފުރަތަމަ ފަސް އަހަރުތެރޭ ފަސްދޮޅަސް ފަސް ހަސް ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވުމާ ގުޅިގެން ރައްޔިތުންނަށް ޝުކުރުއަދާކުރެއްވުމަށް ރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގައި ވެޑައިގެންނެވި އެންމެބޮޑު ވަޢުދަކީ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދެއްވުން ކަމަށާއި މިފަސް އަހަރުތެރޭގައި މިވައުދު ފުއްދަވާދެއްވާނެ ކަމަށެވެ. އެގޮތުން ގެދޮރުވެރިކަން ޔަގީންކޮށް ދެއްވުމަށް ހިންގަވާ ބިޔަ މަޝްރޫއުގެ ބިންހިއްކުމުގެ މަސައްކަތް މިފެށޭ އަހަރު ނިމުމުގެ ކުރިން ނިންމަވާދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުން ފުށިދިއްގަރު ފަޅާއި، ގުޅީފަޅާއި ގިރާވަރު ފަޅުން 65000 ރައްޔިތުންނަށް މި ފަސް އަހަރުތެރޭ ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. ޑރ.މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގެ ހަމަހަމަކަން އޮންނާނެ ކަމަށާއި، އެއްވެސް ރައްޔިތަކު އެމަނިކުފާނުގެ ވެރިކަމުގައި ބާކީ ނުވާނެ ކަމަށެވެ.