އެހެން ހުރިހައި ކަމަކަށް ވުރެ އިސްލާމްދީނާއި، ޤައުމިއްޔަތު ދިވެހިންނަށް މާ މުހިންމުކަން ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ބުނެދީފި ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "އެހެން ހުރިހައި ކަމަކަށް ވުރެ އިސްލާމްދީން މާ ބޮޑަށް ބޭނުންކަމާއި ޤައުމިއްޔަތު ދިވެހިންނަށް މާ މުހިންމުކަން ދިވެހި ރައްޔިތުން ބުނެދީފި. އެކަމަށްޓަކައި ޝުކުރު ދަންނަވަން،" ކަމަށެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މިއީ ޤައުމަށް ހަމަޖެހުން އަންނަންޖެހޭ ވަގުތުކަމަށެވެ. މިއީ ބަދަލު ހިފުމުގެ ރޫހު ގައުމުން ނައްތާލަންޖެހޭ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި އެންމެހާ ރައްޔިތުންނަށް ހަމަހަމަ އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ޢަދުލުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދޭނަން. އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކީގައި ރައްޔިތުންނަށް ޚިދުމަތްކުރާނަން. އަޅުގަނޑު ވީ ވަޢުދަކީ އެއީ. އެ ވަޢުދުގެ މަތީގައި އިރުއެރި ކޮންމެ ދުވަހަކު ސާބިތުވެ ހުންނާނަން. އިސްލާމީވަންތަ އިސްލާމީ އާދަކާދަތައް ރާއްޖޭގެ މުޖުތަމަޢުގައި އަށަގަންނަވާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި މުޖުތަމަޢު އަކީ އިސްލާމްދީނަށް ލޯބިކުރާ ދީނަށް ނަސްރުދޭ ބަޔަކަށް ވާން އެންމެހާ ދިވެހީން ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން އެންމެ ފުރިހަމަގޮތުގައި ދައްކަވާނޭ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް މުންތަޚަބު ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފައެވެ. އެގޮތުން ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ޢީދެއްގައި ރާއްޖޭގެ ހުރިހައި ސިޓީއަކާއި ވެރިކަންކުރާ ރަށްރަށުކުގައި ކުލަ ގަދަކޮށް ޢީދުތައް ފާހަގަކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން "ގައުމުދެކެ ލޯބިވުން އެއީ އުފަލާއި އެކު އަފްރާދުންގެ މެދުގައި ދައްކާ ވާހަކައަކަށް ނިޒާމުގެ ތެރެއިން ހަދާނަން. ޤައުމުދެކެ ވާ ލޯތްބާއި ޢަބްޠާލުން ދެކެވާ ލޯބި ހިތުގައި އަށަނުގަނެ ޙަޤީގީ ތަރައްގީއެއް ނުގެނެވޭނެ. ޤައުމަށް މިނިވަންކަން ޔަގީންކޮށްދޭން ވަޢުދުވިން. އެކަމަށް ރައްޔިތުން ވޯޓުދެއްވި. ފުރަތަމަ ދުވަހު، ސަތާރަ ނޮވެމްބަރުގައި އެ މަސައްކަތް ފެށިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.