ގައުމީ ޓީމަށް މިފަހަރު ގަލޮޅު ދަނޑުގައި ޗައިނާ ބަލިކުރެވިދާނެތަ!

0
މިރޭ ކުޅޭ މެޗަކީ ވަރަށް ވާދަވަރިމެޗަކަށް ވެގެންދާނެކަމަށް ގިނަފަރާތްތަކުން ދަނީ ބުނަމުން

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗަކީ އެ ދަނޑުގެ ތާރީހުގައި ވެސް ރާއްޖޭގެ ގައުމީ ޓީމް ކުޅޭނެ އެންމެ ވަރުގަދަ އެއް މެޗެވެ. ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުންގެ އެހީތެރިކަމާ އެކު ދޮންވެ ފައްކާވެފައި އޮތް ޗައިނާގެ ވަރުގަދަ ޓީމާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު އެ ޓީމުގެ ފެންވަރަކީ ކޮބައިކަން އިނގެން އެބަ ޖެހެއެވެ.

ޗައިނާއަކީ ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެ ގައުމުން ފުރަތަމަ ފުޓުބޯޅަ ފެޑެރޭޝަނެއް ގާއިމުކުރީ 1924 ވަނަ އަހަރުއެވެ. އެއަށްފަހު އެ ކުޅިވަރުގެ ފޯރި ގައުމުގައި އިސާހިތަކު ހިފައިގެން ދިޔަ އިރު ފުޓުބޯޅައިގެ މައި އިދާރާ “ފީފާ”ގެ މެމްބަރަކަށް 1931ގައި ޗައިނާ ވެގެން ދިޔައެވެ.

ނަމަވެސް އެ ގައުމުގައި ހިނގި ބޮޑު ދާޙިލީ ހަނގުރާމައިގެ ސަބަބުން 1958 ވަނަ އަހަރު އެ ގައުމަށް ފީފާގެ މެންބަރުކަން ގެއްލުނެވެ. އަލުން އުފެދިގެން އައި ރައްޔިތުންގެ ދައުލަތާއެކު ފުޓުބޯޅަ ކުރިއަރުވަން ކުރި މަސައްކަތުން އެ ގައުމަށް 1979 ގައި އަލުން އަނބުރާ ފީފާގެ މެމްބަރުކަން ލިބުމުން ފުޓުބޯޅައަށް ބޮޑު އިސްކަމެއް ދޭން ފެށިއެވެ.

Advertisements

އެގޮތުން އޭޝިއާ ބައްރުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕު 1984 ގައި ޗައިނާއިން ވަނީ ހޯދައި އެގައުމަކީ ފުޓުބޯޅައިގެ ރޮނގުން ކުރިއެރޭނެ ގައުމެއްކަން ސާބިތު ކޮށްދީފައެވެ.

އެއަަށްފަހުން އައިސް 2002 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަކީ އެގައުމުގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެ މުބާރާތުގައި އެއްވެސް ގޯލެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ނިންމާލަން ޖެހުނު ނަމަވެސް ޓީމު އަނބުރާ ގައުމަށް އައީ އުފަލުންނެވެ.

ޗައިނާއިން ވަނީ އޭގެ ފަހުން 2004 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕާއި 2005 އަދި 2010 ގެ “އީއޭއެފް” އޭއެފްސީ އީސްޓް އޭޝިއަން ކަޕު ކާމިޔާބު ކޮށްފައެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ 71 ވަނައިގައި ޗައިނާ އޮތް އިރު އެ ގައުމަކީ އެއް އިރެއްގައި ދުނިޔޭގެ ރޭންކިންގްގެ 37 ވަނައިގައި ވެސް އޮތް ގައުމެކެވެ. 1998 ވަނަ އަހަރު އެ ގައުމުން ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތްތައް ގިރާކުރަމުން ދިޔަ ދިޔުން މަޑުމަޑުން ބަދަލުވަމުން އައީ ގައުމުގައި ފުޓުބޯޅައިގެ ފޯރި ކެނޑި އެހެން ކުޅިވަރުތަކަށް ދޭން ފެށި އިސްކަމެއްގެ ސަބަބުންނެވެ. އަދި އެ ބަދަލުތަކާ އެކު 2013 ވަނަ އަހަރާއި ހަމަވި އިރު އެގައުމު އޮތީ 109 ވަނައިގައެވެ.

ފުޓުބޯޅަ އަލުން އަނބުރާ ޗައިނާގައި ފޯރި ހިއްޕާލަން ފުޓުބޯޅަ އެސޯސިއޭޝަނާއި ބޮޑެތި ވިޔަފާރިވެރިން އެއާއެކު ފެށި މަސައްކަތުން އަނެއްކާވެސް އެގައުމުން އަންނަނީ ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. އެގައުމުގައި މިވަގުތު އޮތް އެންމެ ބޮޑު ލީގު ކަމަށްވާ ސުޕަ ލީގަކީ ދުނިޔޭގައި ވެސް އެންމެ އަގުބޮޑު އެއް ލީގަށް ވާއިރު ޔޫރަޕުގައި ކުޅޭ މަޝްހޫރު އެތައް ކުޅުންތެރިންނާއި ކޯޗުންނެއް ވެސް އަންނަނީ އެގައުމުގެ ފުޓުބޯޅަ ލީގަށް ބަދަލުވަމުންނެވެ.

އެގޮތުން ޗައިނާއިން މިވަގުތު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި އިޓަލީގެ މަޝްހޫރު ކޯޗު މާސެލޯ ލިއްޕީ އެ މަގާމުގައި ހުރުމުން ޗައިނާގެ ފުޓުބޯޅަ ކުރިއަރާފައިވާ މިންވަރު ދޭހަވެއެވެ. އިޓަލީއަށް 2006 ގެ ވޯލްޑްކަޕް އަދި ޔުވެންޓަސްއަށް 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައިވާ ލިއްޕީ ވެގެންދާނީ މިހާތަނަށް ގަލޮޅު ދަނޑުން ފެންނާނެވެސް އެންމެ މޮޅު ޓެކްނީޝިއަން އަށެވެ.

ދޮޅު އަހަރަށްފަހު ކޯޗުވަނީ ދަނގަޑޭއަށް ޓީމުން ފުރުސަތު ދީފައި
މިރޭ ކުޅޭ މެޗަކީ ވަރަށް ވާދަވަރިމެޗަކަށް ވެގެންދާނެކަމަށް ގިނަފަރާތްތަކުން ދަނީ ބުނަމުން

ރަށު މީދާ ރަށަށް ގަދަވާ އުސޫލުން ފުޓްބޯޅައިގައި އަބަދުވެސް އަމިއްލަ ދަނޑުގައި ކުޅޭ ޓީމަށް ފައިދާ ބޮޑުވާނެ އެވެ. ރާއްޖެ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެ ފައިދާ އެންމެ ބޮޑަށް ނަގާ އެއް ޓީމެވެ. އަމިއްލަ ދަނޑުގައި ކުޅެ ރާއްޖޭން ވަނީ ދުނިޔެ ހައިރާންކޮށްލި ނަތީޖާއެއް ވެސް ނެރެފަ އެވެ. ރާއްޖޭގައި ގައުމީ ޓީމެއް 1979 ވަނަ އަހަރު އެކުލަވާލެވުނު ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އެހާތަނުން ނެރެން ފެށި ނަތީޖާތަކަކީ، އަމިއްލަ ދަނޑުގައި ކުޅޭ ކޮންމެ ފަހަރަކު ވެސް ގައުމީ ޓީމަށް ހިތްވަރު ހޯދިދާނެ ފަދަ ނަތީޖާތަކެކެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން 1997 ވަނަ އަހަރު އިންޑިއާ އަތުން 5-1 އިން އަދި 1999 ގެ މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ އަތުން 2-0 އިން ރާއްޖެ ބަލިވެފައި އޮއްވާ އެ ނަތީޖާތައް އަނބުރާލައި އިންޑިއާ އަތުން ރާއްޖެ ފުރަތަމަ މޮޅެއް ހޯދީ ވެސް ގަލޮޅު ދަނޑުގަ އެވެ. ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ ލީގު ބުރުގެ ފަހު މެޗުގައި ތޮއްޑޫ މުހައްމަދު ނިޒާމުގެ ގޯލުން އިންޑިއާ 1-0 އިން ބަލިކޮށްފަ އެވެ. އެކަމަކު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ބަލިވީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، 2001 ވަނަ އަހަރު ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވި މެޗަކީ ވެސް ފާހަގަކޮށްލެވޭނެ މެޗެކެވެ. އެއީ އެހާތަނަށް ރާއްޖޭން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެ ފަހަރު ގަދަފަދަ ޗައިނާ އިން އަމިއްލަ ދަނޑުގައި ރާއްޖެ ކޮޅަށް 10 ލަނޑު ޖެހި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އެ ނަތީޖާއަކީ، ޖެހިގެން އައި ވޯލްޑް ކަޕުގައި ވާދަކުރި ޗައިނާ ޓީމަށް ކުރިމަތިވި ޕްރެޝަރެކެވެ.

ދެކުނު އޭޝިއާގެ ޓީމަކުން މިހާތަނަށް ފުޓްބޯޅަ މެޗެއްގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރުމުގެ ރެކޯޑް ރާއްޖެ އަށް އޮތްއިރު އެ މޮޅުވީ ހޯދީ ވެސް ގަލޮޅު ދަނޑުގަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މޮންގޯލިއާ އަތުން 12-0 އިން މޮޅުވި މެވެ. އަނެއްކޮޅުން އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޖާޒީގައި ކުޅުނު ރަސްމީ ފުރަތަމަ މެޗު ވެސް މެ އެވެ. އޭނާ އެ މެޗުގައި ހަތަރު ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހެދި އެވެ.

ދެން ފެނިގެން ދިޔައީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ ގަލޮޅު ދަނޑުގައި ހޯދި މެޗެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި، ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން ރާއްޖެ އެއްވަރުކުރީ އެވެ. އޭގެ ދެ އަހަރު ކުރިން 2002 ގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރުކުރުމަކީ ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ވެސް ލިބުނު ޝަރަފެކެވެ. ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެރި އެ ނަތީޖާއަކީ، އަމިއްލަ ދަނޑުގައި ރާއްޖެ އަށް ބޭނުން ގޮތެއް ހަދާނުލެވޭނެކަން ސާބިތުކޮށްދިން ނަތީޖާއެކެވެ.

ރާއްޖެ އަތުން ގަލޮޅު ދަނޑުގައި މޮޅުވި އޭޝިއާގެ ގަދަބާރުތަކަށް އެކަން ކުރެވިފައިވަނީ ވެސް ވަރަށް ހަނި ގޮތަކަށެވެ. ޗައިނާ އިން 2001 ގައި 1-0 އިން މޮޅުވި ގޮތަށެވެ. ރާއްޖެ ކޮޅަށް 1997 ވަނަ އަހަރު 17 ލަނޑު ޖެހި އީރާނަށް 2011 ވަނަ އަހަރު މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. ގަދަފަދަ ގަތަރަށް ވެސް 2015 ވަނަ އަހަރު މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. އެ ލަނޑު އެ ޓީމުން ޖެހީ ވެސް މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ.

ކްލަބް ފުޓްބޯޅައިގައި ވެސް ގަލޮޅު ދަނޑަކީ ދިވެހިންގެ ނަސީބާ ގުޅިފައިވާ ތަނެކެވެ. އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި 1992 ވަނަ އަހަރު ކޮލަމްބޯގައި ސްރީ ލަންކާގެ ގަދަފަދަ ސައުންޑާޒް އަތުން 2-0 އިން ވެލެންސިއާ ބަލިވި ނަމަވެސް މާލޭގައި 3-0 އިން މޮޅުވެ ވެލެންސިއާ ދެ ވަނަ ބުރަށް ދަތުރުކުރި އެވެ.

މިދިޔަ އަހަރާއި މިއަހަރު އަޝްފާގު އަންނަނީ މޮޅުކުޅުމެއް ދައްކަމުން

 ދޮޅު އަހަރަށްފަހު ދަގަނޑޭ އަލުން ގައުމީޓީމަށް!

އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލީ އަޝްފާގް (ދަގަނޑޭ) ދައްކަން ފެށި ޖާދުލާ އެއީ ދިވެހި ފުޓްބޯޅައިގެ ސުޕަސްޓާރުކަން ކަށަވަރުވި އެވެ. އެކަމަކު އޭނާ ކެރިއަރު ފެށި ފަހުން ގައުމީ ޓީމު ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވާ 2003 ގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

 

އެ މުބާރާތުގެ ކުރިން މެލޭޝިއާގައި ބޭއްވި ޓްރެއިނިން ކޭމްޕަށް ފަހު ކޯޗު ޔޯސެފް ޔަންކޭޒަށް ޖެހުނީ ދަގަނޑޭ އާއި އަހުމަދު ތޯރިގް (ޓޮމް) ގެ ތެރެއިން ކުޅުންތެރިޔަކު ނަގާށެވެ. އޭނާ ނެގީ ޓޮމް އެވެ. އެ މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވެގެން އެނބުރި އައުމަށް ފަހު ޔަންކޭ ވަނީ ދަގަނޑޭ ނުނެގުނީތީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އޭރު ދަގަނޑޭ ކުޅެމުން އައި ފެންވަރަށް ބަލާއިރު އޭނާ އެ މުބާރާތުގައި ވެސް ތަފާތު ދެއްކީހެވެ.

ދަގަނޑޭ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނިގެން ކުޅުނު ރަސްމީ ފުރަތަމަ މެޗުތަކަކީ 2006 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު މެޗުތަކެވެ. އޭނާ ގައުމީ ޖާޒީގައި މާލޭގައި ކުޅުނު ފުރަތަމަ މެޗުގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވި އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ދަގަނޑޭ ވައްދާލި ގޯލާ އެކު ޖުމްލަ ހަތަރު ގޯލް ޖެހި އެވެ. އެއާ އެކު ދަގަނޑޭ ވެގެން ދިޔައީ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ފުރަތަމަ މެޗުން ވެސް ރެކޯޑެކެވެ.

އޭގެ ފަހުން އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ. ޖެހިގެން އައި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި، ޕްރިމިއާ ލީގުގައި އޭރު ކުޅެމުން އައި ޕާކިސްތާނުގެ ޒޭޝް ރެހްމާން ފަދަ ކުޅުންތެރިން ކައިރިން ބޭނުން ގޮތަކަށް ނައްޓާލައި ސަރަހައްދުގައި ފެންވަރު ދައްދާލި އެވެ. އެ ފަހަރު ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވެ ރާއްޖެ ކެޓީ އެވެ. އެކަމަކު އަމިއްލަ ގައުމާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދީ ދަގަނޑޭގެ މޮޅު ކުޅުމާ އެކު އެވެ. ފައިނަލުގައި އިންޑިއާ ކުޅުންތެރިޔެއްގެ އުޅަބޮށި އަރައި މޫނުމަތި ފަޅައިގެން ދިޔަ ނަމަވެސް، ހިތްވަރާ އެކު ކުޅުނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އޭނާ އެވެ.

Advertisements