ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސްކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކޮށްފިއެވެ.

އެ މަގާމަށް މުއިއްޒު އައްޔަނު ކޮށްފައި ވަނީ މިރޭ އެޕާޓީން ބޭއްވި ސެނެޓް ބައްދަލުވުމުގައެވެ. ޕީއެންސީގެ ނައިބު ރައީސްއަކަށް ހަމަޖައްސާފައި ވަނީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. ކުރިން އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބަދަލު ކޮށްފައެވެ.

ޕީއެންސީން ބުނީ އެޕާޓީގެ ސެނެޓުގެ 50 މެމްބަރުންގެ ތެރެއިން މިރޭގެ ޖަލްސާގައި 41 މެމްބަރަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މަގާމުތަކަށް އެބޭފުޅުން އިންތިހާބުކޮށްފައިވަނީ 40 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށްޓަކައި ޑރ. މުއިއްޒު އެޕާޓީއާ ގުޅިވަޑައިގެންނެވީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޕީއެންސީއާ ގުޅިވަޑައިގަތީ އިންތިހާބުގެ ކުރިން ކަމަށް އެޕާޓީން ބުނެފައިވެއެވެ. ނަމަވެސް ގުޅިވަޑައިގެންނެވި ތާރީހެއް ހާމައެއް ނުކުރެއެވެ.

ޑރ މުއިއްޒު ޕީޕީއެމްއިން ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވީ، އިންތިހާބަށް ކުރިމަތި ލެއްވުމަށްޓަކައެވެ.