ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަން ހައްލުކޮށް ދަރިވަރުންނަކީ ގާބިލް ބަޔަކަށް ހައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ހިތާބުގައި މުއިއްޒު ވިދާޅުވީ ކާމިޔާބުގެ އައްސޭރިއަށް ވާސިލްވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އެ ތިންކަމަކީ ހަރުދަނާ އަހުލާގާއި ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަމެވެ.

ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދެ ކަމެއް ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމަކީ، މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރުން ވެސް އިޝާރާތް ކުރާ އެއް މައްސަލައެވެ. އެގޮތުން މުދައްރިސުންގެ އަދަދު މަދުކަމަށާއި، މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލު ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަމެވެ. 21 ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމަށެވެ. ގާބިލުކަމާއި އުޅުންތެރިކަމަށެވެ. އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކަށެވެ. އިރާދަކުރެއްވިއްޔާ މި ކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ." އިންތިހާބީ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރިކުރާނަމެވެ. ދިވެހި ޖީލުތައް އިލްމާއި ހުނަރާއި ތަރުބިއްޔަތުގެ ނޫރުން އުޖާލާކުރުމަށް މުދައްރިސުން ކުރައްވަމުން ގެންދަވާ މާތް މަސައްކަތުގައި ބަރަކާތްލައްވަވައި، ތައުފީގު މިންވަރު ކުރައްވާށިއެވެ. އާމީން!– މުއިއްޒު ވިދާޅުވިއެވެ.