އިންޑިޔާގެ އިރުއުތުރުގައި އޮންނަ ސިކިމް ސްޓޭޓުގައި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގައި، ސިފައިންގެ 22 މީހުން ހިމެނޭ ގޮތަށް 102 މީހަކު ގެއްލިފައިވާތީ މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެ ގައުމުގެ ސަރުކާރުން ވިދާޅުވިގޮތުގައި މި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 14 މީހުން މަރުވެފައިވާ ކަމަށެވެ. އޮފިޝަލުން އިތުރަށް ވިދާޅުވިގޮތުގައި ސްޓޭޓްގެ އެކި ސަރަހައްދުތަކުގައި ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ތާށިވެފައި ތިބި ކަމަށެވެ.

ފެންބޮޑުވުން އިތުރަށް ގޯސްވީ ކައިރީގައި ހުރި ޑޭމަކުން ފެން, ކޯރަށް ބޭރުވުމުންކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ދިފާއީ ތަރުޖަމާނަކު ވިދާޅުވިގޮތުގައި ޑޭމްގެ ޓަނަލްތަކުގައި 14 މީހުން ތާށިވެފައިވާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދާ މީހުން ހޯދައި ސަލާމަތް ކުރުމަށް އިންޑިއާ ސިފައިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އޮފިޝަލުން ބުނީ ބުދަ ދުވަހުގެ ރޭ ސިފައިންގެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.