ފާއިތުވި ރިޔާސީ އިންތިހާބުން ބަލިވެ ބަލިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްކެވި ނަމޫނާއަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ޝުކުރު ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ފާއިތުވީ ރިޔާސީ އިންތިހާބު ތަކުގައި ބަލިވި ފަރާތްތަކުން އިންތިހާބުގެ ނަތީޖާ ބަލައިނުގަނެ އެކި ތުހުމަތުތައް ކޮށްފައިވާކަމުގައެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައީސް ސާލިހުގެ ކިބައިން ފެނިގެން ގޮސްފައިވަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

"މިފަހަރު ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް. ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް ޑިމޮކްރަސީގެ ހަމަތަކުން އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އެކަން އިއުލާން ކޮށްދެއްވި ކަމަށްޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝުކުރު ދަންނަވަން،" ހަބީބް ވިދާޅުވިއެވެ.