ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައް ކުރުމަށް، އިންތިހާބީ ރައީސްގެ އޮފީސްގެ ނަމުގައި އޮފީހެއް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު އުފައްދަވައިފި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނާ އެއްގޮތަށް، އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ގޮތަށް ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

އިންތިގާލީ ރައީސްގެ އޮފީސް އުފައްދަވާ، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި، ވެރިކަން ބަދަލުވުމާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށް އަދި ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އައިސްދާނެ ބަދަލުތަކަށް ތައްޔާރުވާން ސަރުކާރުގެ އިދާރާތަކުން ކުރަން ޖެހޭ ކަންތައް ވަނީ އަންގައިފަ އެވެ.

އެގޮތުން ފާހަގަކޮށްފައިވަނީ؛

  • ރައީސް އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނެ ލިޔުން، އެ ފަރާތްތަކާ ގުޅިގެން ތައްޔާރުކުރުން
  • އެއް ވުޒާރާއަކުން ކުރާ މަސައްކަތްތަކެއް އެހެން ވުޒާރާއަކަށް ބަދަލުވެދާނެ ކަމަށްޓަކައި، މުވައްޒަފުންނާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނެ ލިޔުން ތައްޔާރުކޮށް، މަސައްކަތްތަކާ ގުޅޭ ލިޔުންތައް ފައިލްކޮށް، މަސައްކަތް އެހެން އިދާރާއަކަށް ބަދަލުވެއްޖެ ނަމަ ބަދަލުވާ އިދާރާއަކުން އެ މަސައްކަތް ކުރުމަށް މަގުފަހިވާނޭ ގޮތަށް ލިޔެކިޔުންތައް ހަމަޖެއްސުން
  • އިދާރާގެ ނަމަށް ނުވަތަ މަސައްކަތްތަކަށް ބަދަލު އަތުވެދާނެ ކަމަށް ނުވަތަ ވުޒާރާއެއްގެ ދަށުން ހިނގަމުންދާ އިދާރާއެއް ނަމަ، އެ އިދާރާގެ ބެލެނިވެރި ވުޒާރާ ބަދަލުވެދާނެ ކަމަށް، އަދާހަމަކުރަން ޖެހޭ މައުލޫމާތު (އިދާރާގެ ވެބްސައިޓް، ފޯނު އެޕްލިކޭޝަން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް، އާންމުންނަށް ފެންނާނޭހެން ހުންނަ ނޯޓިސްތައް، އާންމުންނަށް ޓެކްސްޓް މެސެޖް ފޮނުވާ އިދާރާއެއް ނަމަ، ޓެކްސްޓް މެސެޖުގައި ހުންނަ މައުލޫމާތު ފަދަ) ފާހަގަކޮށް، ބަދަލު އަންނަ ގޮތަކަށް މައުލޫމާތު އަޕްޑޭޓު ކުރަމުން ގެންދިޔުން.

މި މަސައްކަތްތައް ކުރާނީ އެ އިދާރާއެއްގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން، އޭނާ ކަނޑައަޅާ ގޮތަކަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގަން ބުރޫނާރާނެ ގޮތަށް އަދި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެހެން ވެރިކަން ނަގުލު ކުރުމަށް، ސަރުކާރުގެ އިދާރާތަކާ ބެހޭ މުހިންމު މައުލޫމާތު ތައްޔާރުކުރަން ވެސް ވަނީ އަންގައިފަ އެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި ހިމެނޭ ބައެއް ކަންކަން؛

  • އިންތިހާބީ ރައީސްގެ އޮފީހަށް އެފަދަ މައުލޫމާތެއް ފޮނުވާނީ، އެކަމަށް އެދި އެ އޮފީހުގެ ސިޓީއަކުން
  • އެ އިދާރާއަކަށް ހުށަހެޅުމުން ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސްގެ އޮފީހަށް ލިޔެކިޔުން ފޮނުވާނީ 'ޖެމްސް' މެދުވެރިކޮށް

އެ ދެންނެވުމުގައި ބުނެފައިވާ މައުލޫމާތުތައް ފިޔަވައި އެހެން މައުލޫމާތެއް ސަރުކާރުގެ އިދާރާއަކުން އިންތިހާބީ ރައީސްގެ އޮފީހާ ހިއްސާކުރާ ނަމަ ނުވަތަ ސަރުކާރުގެ އިދާރާއަކަށް އިންތިހާބީ ރައީސްގެ އޮފީހުން ހުށަހަޅާ ކަމެއް ހަމަޖެއްސުމާ ބެހޭ ގޮތުން ސުވާލު އުފެދޭ ހާލަތެއް އަތުވެއްޖެ ނަމަ، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސްކުރަން ރައީސް ކަނޑައަޅާފައިވާ ފަރާތާ މަޝްވަރާކުރަން ވެސް އެދިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންތައް ވިލަރެސް ކުރަން ރައީސް އޮފީހުގެ ފަރާތުން އައްޔަނު ކޮށްފައިވަނީ އެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސެން އާމިރެވެ.