ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެންގުޅުނު އޮސްޓްރިޗް، ގިނިކާމާދޫނީގެ ފަޔަށް ބުދަ ދުވަހުގެރޭ ބަޔަކު ދިން ޒަހަމްތަކަށް ފަރުވާ ނުލިބި ރޭގައި މި ދޫނި މަރުވެއްޖެ އެވެ.

އާންމުންނަށް ފެންނަ ގޮތަށް ހުޅުމާލޭ ކޮށްޓެއްގެ ތެރޭ ގެންގުޅެމުން ދިޔަ އޮސްޓްރިޗް، ގިނިކާމާދޫނީގެ ފަޔަށް ބަޔަކު ހަމަލާދީފައިވަނީ ބުދަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ދިވެހިންގެ އާންމު ރައްޔިތަކު މާލޭސިޓީގެ ގެއެއްގައި ގެންގުޅެމުން ދިޔަ އެ ގިނިކާމާދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިއުންތައް އަމާޒުވުމާއެކު މި ޒުވާނާއަށް ވެސް އެކަން ދަތިވާ ހިސާބަށް ދޫނި ބޮޑުވަމުންދާތީއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުރީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގައެވެ. އެ ދޫނި ބަލާލުމަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދަށް ދެ އެވެ.

އޮސްޓްރިޗް ގެންގުޅުނު ޒުވާނާ

އެ ދޫނި ބަލަހައްޓާ ފަރާތަކުން ބުނީ ދޫނީގެ ފައި ބުރިކޮށްލާ، ބުދަދުވަހުގެރޭ ދިން ޒަހަމްތަކަށް ފަރުވާދިނުމަށް މާލޭގައި ހުންނަ ވެޓް ކްލިނިކް 'އޯސިސް'ގެ ޑޮކްޓަރުން ވެސް ގެނައި ކަމަށެވެ. ޑޮކްޓަރުން ބުނީ ދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ.

އެ ދޫނި ގެންގުޅޭތާ އެއް އަހަރާއި ދެ މަސް ވެއްޖެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. މިއީ ގިނަ ބަޔަކަށް ހާއްސަކޮށް އެތައް ގިނަ ކުޑަކުދިންގެވެސް ހިތްހަމަޖެހުމަކަށް ވި ދޫންޏެކެވެ.