ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގައި ހިފައިފިނަމަ ދުވަހަކު ވެސް މަގުނޯޅޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައި ވަނީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށެވެ. ހުތުބާގައި ވިދާޅުވީ ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށެވެ. އަދި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް ކަމުގައި ލެއްވެވި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މައްސަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ދުނިޔެއަށް ވަޑައިގަތުމުގެ ފަޚްރާއި ޝަރަފު ދުނިޔެއަށް ލިބުނުއިރު ދުނިޔޭގެ ހާލަތު, ތާރީޚުގައި އެހައި ދަށު ދަރަޖައަކަށް ގޮސްފައިވާ ދުވަސްވަރެއް ނާންނަކަން ފާހަގަކުރައްވައި އޭރު ދުނިޔޭގެ ހާލަތު އޮތް ގޮތަށްވެސް ހުތުބާގައި އަލިއަޅުވާލައްވައިފައިވެއެވެ.

އެ ދުވަސްވަރު މީސްތަކުން ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލި, ނޭނގުމުގެ އަނދިރިކަމުގެ ތެރެއަށް ވަދެ މަގު އޮޅި, ވާވަދެފައި ކަމަށާއި އަނިޔާވެރިކަމާއި ތަޅާފޮޅުމާއި އަރާރުންވުމާއި ފިތުނަ ފަސާދަ އާންމު ވެފައިވަނީ ހައިރާންވުން އެކަށީގެންވާ ދަރަޖަކަށް ކަމަށް ބުންޏެވެ.

.

ޚުތުބާގައި ބުނީ އެދުވަސްވަރު ފޮތުގެ އަހުލުވެރީންގެ ގޮތުގައި ތިބީ ޔަހޫދީންނާއި، ނަސާރާއިން ކަމަށާއި، އެދެބައި މީހުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުން ކަމަށެވެ. ޚުތުބާގައި ބުނީ މިފަދަ ހާލަތެއްގައި ދުނިޔެވަނިކޮށް ރަސޫލާ މުހައްމަދުގެފާނު ދުނިޔެއަށް ވަޑައިގަތީ ޔަތީމު ހާލުކޮޅުގައި ކަމަށާއި، އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގައި ކަމަށެވެ.

އެފަދަ ނިކަމެތި ހާލަތަކަށް ދުނިޔެ ވެއްޓިފައި ވަނިކޮށް އިންސާނިއްޔަތަަށް ތެދު މަގު ދެއްކުމަށާއި ދުނިޔެ އިސްލާހު ކުރުމަށް ކީރިތި ރަސޫލާ ފޮނުއްވިކަން ހުތުބާގައި ފާހަގަ ކުރައްވައިފައިވެއެވެ.

އެހެން ނަމަވެސް ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތަކާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައި ދައުރެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެއަށް ނޫރުގެ އަލިކަން ލިބިގެން ދިޔަ ކަމަށެވެ. އަދި އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ ސުލްހަ މަސަލަސްކަން އާންމުވެގެން ދިޔަ ކަމަށް ވިދާޅުވެފައިވެއެވެ.

ހުތުބާގައި ވަނީ ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލައްވައިފައެވެ. ހަމަ އެހެންމެ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި ހުރިހާ އަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ޚުޠުބާގައި ބުނީ, އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި އުއްމަތުގެ ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަގުނަ ކަންތައްތަކެއް ކަމަށާއި އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝުކުރެއް ކަމަށެވެ. އެ ޝުކުރު އަދާކުރުމުގެ ގޮތުން ކުރަންވީ ކަމަކީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީއަތަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބައަވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

މިކަންކަން ފާހަގަކޮށް ޚުޠުބާގައި ވަނީ އިތުރު އެކަލޭގެފާނަށް ލޮބުވަތައި, އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށާއި އެކަލޭގެފާނު ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލައިފައެވެ.

ޚުޠުބާ ނިންމާލާފައިވަނީ މުސްލިމުންގެ ހިތްތައް ދިރިގެންވަނީ އެކަލޭގެފާނުދެކެ ލޯބިވުމާއި އެކަލޭގެފާނަށް އިޙްތިރާމްކުރުމުގެ ސަބަބުންކަމަށް ބުނެދީ އެކަލޭގެފާނުދެކެ ލޯބިވުމަކީ ތިމާ އީމާންވާކަމުގެ ސަބަބެއްކަމަށް ބުނެ އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔުމަށް ނަސޭހަތްތެރިވަމުންނެވެ.