ފިހާރައަކަށް ވަދެ ފިރިހެނަކަށް ވަޅިއަކުން ހަމަލަދީ ޒަހަމްކޮށްލި އޮނަތިރީސް އަހަރުގެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގާފައި ވަނީ މާލޭގައި ފޯނު ފަދަ ތަކެތި ވިއްކާ ފިހާރައެއްގައެެވެ. ފިހާރައަށް ވަން މި އަންހެންމީހާ ފޯނު ދައްކާލުމަށް އެދުނެވެ. ސޭޓަކަށް ހުރި ބިދޭސީ މީހާ ފޯނެއް ނަގާފައި ދެއްކިއެވެ. ކަމަކާ ހިތްހަމަނުޖެހިގެން ކަހަލަ ގޮތަކަށް އަންހެން މީހާ ވަނީ އެތަނުގެ ސޭޓާ ޒުވާބުކުރި ކަމަށްވެއެވެ.

އަދި ހޫނު ޒުވާބަކަށްފަހު އަންހެން މީހާ ވަނީ އޭނާ ގެންގުޅުނު ވަޅިން ސޭޓުގެ ކަރަށް ހަމަލަދީފައެވެ. އެއަށްފަހު ބާރުމިނެއްގައި ފިހާރައިން ނުކުމެގެން ދިޔަތަން ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.