މޮސްކޯ، އޮކްޓޯބަރ 7: އިޒްރޭލާއި ފަލަސްތީނުން މިއަދު ފެށި ހަނގުރާމަ ވީއެންމެ އަވަހަށް ހުއްޓާލުމަށް ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މިޚައިލް ބޮގްޑަނޯވް ގޮވާލައްވައިފިއެވެ.

"މިއީ 75 އަހަރުވީ ހަމަނުޖެހުމަށް އަލުން އަނބުރާ ދިއުން. ރަޝިޔާއަކީ އަރަބި ގައުމުތައް ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކާ ވެސް ގުޅުން އޮންނަ ގައުމެއް. ރަޝިޔާއިން އެދެނީ ހަނގުރާމަ އަވަހަށް ހުއްޓާލައި ސުލްހަ ގާއިމް ކުރުމަށް" ބޮގްޑަނޯވް ވިދާޅުވި އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުން ޔަހޫދީން ބޭރުކުރުމަށް ހިންގުނު ހަރަކާތެއްގެ ތެރެއިން އެމެރިކާ އާއި އިނގިރޭސިން އިސްވެ އޮވެގެން ފަލަސްތީނު ބިމުގައި އިޒްރޭލު އުފައްދައި ޔަހޫދީން ވަޒަންވެރި ކުރުވީ 1948 ގައެވެ. އެދުވަހުން ފެށިގެން އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، ފަލަސްތީނުގެ ގެތަކުން ފަލަސްތީނު ރައްޔިތުން ނެރެ ޔަހޫދީން އާބާދު ކުރަމުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖަމާއަތްތަކާއި މުޖާހިދުން ހަތިޔާރު ނެގީ އިޒްރޭލުގެ އަނިޔާވެރިކަން ދުނިޔެއަށް ނުހުއްޓުވުމުންނެވެ. ފަލަސްތީނުގެ ގައްޒާ ބަންދުކޮށް އިޒްރޭލުން ގައްޒާ ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އިޒްރޭލަށް އެންމެ ޖެހިލުންވާ ހަމާސް ޖަމާއަތުގެ މައިގަނޑު ހަރަކާތްތައްވެސް އޮންނަނީ ގައްޒާގައެވެ.

ފަލަސްތީނުގެ ސަރުކާރުންނާއި މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ކަށަވަރު ނުވާހާ ހިނދަކު އިޒްރޭލަށާއި ޔަހޫދީ އާބާދީތަކަށްވެސް އަމާންކަން ކަށަވަރު ނުވާނެ ކަމަށެވެ.