ފަލަސްތީނަށް އިޒްލޭރުން ދޭ ލާއިންސާނީ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ ކަރާމާތާއި އަމިއްލަ އިހްތިޔާރުގެ ހައްގާއި އެއްބައިވަންތަކަމުގެ ހައްގުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށާއި، ފަލަސްތީނުގެ ދިފާއީ ބާރުނެތް މުޖުތަމައުތަކަށް އިސްރާއީލުން ނުހައްގުން ބާރުގެ ބޭނުން ކުރުން ކުށްވެރިކުރައްވާކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއިން އިޒްރޭލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް ހޮނިހިރު ދުވަހު ދިނުމާއި ގުޅިގެން އިސްލާމީ ގައުމުތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ރައީސް ސާލިހް ވަނީ އެންމެނަށް ހަމަޖެހުން ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ގޮވާލާ ގޮވާލުން އާކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ސާލިހްގެ އިތުރުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިސްރާއީލުން ގާނޫނާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފާ ހިފުން ވަގުތުން ހުއްޓާލައި އެފަދައިން ހިފާފައިވާ ބިންތައް ފަލަސްތީނަށް އަނބުރާ ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.