ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންނާ ކުރިމަތިލުމުގައި ޔަހޫދީ ސިފައިން ނާކާމިޔާބުވެ، ފަލަސްތީނުގެ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާދީ ތުއްތު ކުދިން ޝަހީދުކޮށް، މިސްކިތްތައް ސުންނާފަތި ކުރަން އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ފަށައިފިއެވެ.

ހައްދު ފަހަނައެޅި ޔަހޫދީ ސިފައިން މިހާތަނަށް ޣައްޒާގެ 800 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާއިރު، 600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ވެފައެވެ. މީގެ ތެެރޭގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ހިމެނެއެވެ. އެއްއާއިލާއަކުން އެކަނިވެސް ތުއްތު ހަތަރު ކުދިން ވަނީ ޝަހީދު ކޮށްލާފައެވެ.

ތުއްތު ދެކުދިން ނިޔާވުމުން ޣައްޒާގެ މަންމައަކު ހިތާމަ ކުރަނީ. ފޮޓޯ ގުދްސް ނިއުސް ނެޓްވޯކް

އެމެރިކާއިން ފޯރުކޮށްދީފައިވާ އެންމެ ޒަމާނީ ހަނގުރާމަ މަތީ މަތިންދާ ބޯޓްތަކުގައި ޣައްޒާއަށް ވައިގެ މަގުން ހަމަލާދީ ގިނަ އަދަދެއްގެ މިސްކިތްތައްވެސް ޔަހޫދީ ސިފައިން ގެންދަނީ ހަލާކު ކުރަމުންނެވެ. ޔަހޫދީންގެ ހައްދުފަހަނައެޅި މިހަމަލާތައް ކުއްވެރި ކުރުމުގައި މުޅި ދުނިޔެ ވަނީ ނުކުޅެދިފައެވެ. ބަދަލުގައި އެމެރިކާ އާއި ހުޅަނގުން ގެންދަނީ ޔަހޫދީ ސިފައިންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

ޔަހޫދީ ނޫސްތަކުންވެސް ސިފަ ކުރާ ގޮތުގައި ހަމާސް ޖަމާއަތާ ކުރިމަތިލުމުގައި ޔަހޫދީ ސިފައިން މިހާތަނަށް ވަނީ ނާކާމިޔާބު ވެފައެވެ. މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން ގެންދަނީ އިޒްރޭލުން ގަދަކަމުން ފޭރިގެންފައިވާ ހުޅަނގު އައްސޭރިއަށް އެތެރެވުމާއި އެންމެ 10 ވަރަކަށް ކިލޯ މީޓަރަށް ކައިރި ވެފައެވެ.