ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލައާ ގުޅިގެން މިހާރު ފަލަސްތީނާ އެކީ ހަނގުރާމައެއްގެ ތެރެގައި އޮތް އިޒްރޭލުގައި ތާށިވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނުޝްރަތު ބަރޫޗާ އެނބުރި އިންޑިއާއަށް ގޮސްފިއެވެ.

ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ނުހަނު ގޯސްވެފައެވެ. އެސަރަހައްދުގައި ގިނަ ބަޔަކު ތާށިވެފައިވާއިރު ބޮލީވުޑްގެ ބަތަލާ ނުޝްރަތުވެސް ތާށިވީ އެސަރަހައްދުގައި ކަމަށް އޭނާގެ ޓީމުން ބުންޏެވެ. އަދި ނުޝްރަތު އާއި ގުޅުން ކެނޑި ނުޝްރަތަށް ވީނުވީ ނޭނގޭ ކަމަށް އޭނަގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެން ނަމަވެސް އިޒްރޭލުގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީތެރިކަމާއެކު ބަތަލާ ނުޝްރަތު މިހާރު ވަނީ އެނބުރި އިންޑިއާއަށް އައިސްފަ އެވެ. ނުޝްރަތު އެނބުރި އިންޑިއާ އައިސްފައިވާއިރު އޭނާގެ ހާލު ރަނގަޅެވެ.

ނުޝްރަތު އިޒުރޭލަށް ދިޔައީ "ހައިފާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް"ގައި ބައިވެރިވާށެވެ. އަދި މިފެސްޓިވަލުގައި އޭނާގެ އެންމެ ފަހު ފިލްމު "އަކޭލީ" ވަނި ޕްރިމިއާ ކޮށްފަ އެވެ.