ރާއްޖެއިން އޮޕަރޭޓް ކުރާ, ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން, ބިއޯންޑް ރަސްމީކޮށް ލޯންޗުކޮށް އެއާލައިންގެ ފުރަތަމަ ބޯޓު އިއްޔެ ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިން، ބިއޯންޑްގެ ފުރަތަމަ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ މެންދުރު 12:30 ގައި ޖެއްސުމުން ރަންވޭ މަތިން ވަނީ ވޯޓަ ސެލިއުޓްގެ މަރުހަބާއެއްވެސް ކިޔާފައެވެ.

ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާ މި އެއާލައިނަކީ ދުނިޔޭގެ މިފަދަ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނެވެ. ބިއޯންޑްގެ ދަތުރުތައް އަންނަ މަހު ފެށުމަށް ހަމަޖައްސައި ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އެ އެއާލައިނުގެ ރަސްމީ ދަތުރުތައް އަންނަ މަހު ފެށުމަށް ނިންމާފައިވާއިރު ފުރަތަމަ ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ ރިޔާދް އާއި ޖަރުމަނުގެ މިއުނިކްގެ އިތުރުން ސްވިޓްޒަލޭންޑްގެ ޒުރިކްއަށް ކަމަށެވެ. މި ތިން މަންޒިލުން ރާއްޖެއަށް ހަފުތާއަކު ދެ ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ޓެރޯ ވިދާޅުވިއެވެ.

ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ބިއޯންޑް އެއާލައިންގެ ސަބަބުން ކުރިއަށް އޮތްތަނުގައި 1500 އެއްހާ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި އުންމީދަކީ އެ އެއާލައިންގެ ސަބަބުން ގައުމުގެ އިގުތިސާދަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާވާނެ ވިޔަފާރިއަކަށްވުން ކަމަށްވެސް ޝަކީލާ ވަނީ ވިދާޅުވެފައެވެ.

ބިއޯންޑްއިން ހަމަޖެހިފައިވަނީ ހަފުތާގެ ދެ ދުވަހު ދަތުރުތައް ކުރުމަށެވެ. އެ އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ބުކިންއަށް ވަނީ މިހާރު ހުޅުވާލައިފައެވެ.