ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ހުނަރުވެރި ފޯވާޑް އެރްލިން ހާލަންޑަށް ޗެލްސީން އެކްލަބުގެ ރެކޯޑް ޓްރާންސްފާ ފީއެއް ހުށަހެޅުމަށް ތައްޔާރު ވެއްޖެއެވެ.

ޑޯޓްމަންޑާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ހާލާންޑުގެ ރިލީޒް ކްލައުސްއަކީ 91 މިލިޔަން ޑޮލަރެވެ. މިއަގަށް ޗެލްސީން މީގެ ކުރިން އެއްވެސް ކުޅުންތެރިޔަކު ހޯދާފައެއް ނުވެއެވެ.

ޗެލްސީން ކްލަބުގެ ރެކޯޑް ފީއެއް ހާލަންޑަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދަނީ އެންމެފަހުގެ ޓްރާންސްފާ މާކެޓުގައި 200 މިލިޔަން ޕައުންޑް ހަރަދުކޮށްގެން ޖަރުމަނު ގައުމީ ޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމުގައިވާ ޓިމޯ ވާނާ އާއި ކައި ހަވާޓްޒް އަދި މޮރޮކޯ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ހަކީމް ޒިޔެޗާއި އިނގިރޭސި ގައުމީ ޓީމުގެ އިތުބާރު ޑިފެންޑަރު ޗިލްވެލް އެކްލަބަށް ގެނައިނަމަވެސް އެކަށީގެންވާ ވަރަށް ލަނޑު ނުޖެހޭތީއެވެ. ހާލަންޑް ވަނީ މިސީޒަނުގައި މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 17 މެޗުގައި 19 ލަނޑު ކާމިޔާބު ކޮށްފައެވެ.

ފީފާއިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ހާލަންޑް،20، އަކީ ސްޕެއިނުގެ ގަދަ ދެބާރު ކަމުގައިވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ އިތުރުން ޗެލްސީއާ ވާދަވެރި މެން.ޔުނައިޓެޑުންވެސް ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ.