ހުޅުމާލެ ފޭސް ތިނެއްގެ ނަމުގައި ތަރައްގީ ކުރާ ބިމުގެ ބޮޑުބައެއް ހިއްކައި ނިންމައިފިއެވެ.

އާބަންކޯ އިން ބުނީ ފޭސް 3ގެ ސައިޓް 'އޭ' ގެ 70 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ފުރަތަމަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ކަމަށް ވެސް އެތަނުން ބުނެފައިވެއެވެ.

އެގޮތުން ސައިޓް 'އޭ' އަށްފަހު ހިއްކުމަށް ހަމަޖެހިފައި ވަނީ ސައިޓް 'ބީ ކަމަށް ވެސް އާބަންކޯ އިން ބުނެފައިވެއެވެ. ސައިޓް ބީގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވުމަށްޓަަކައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު ވީހާވެސް އަވަހަކަށް ތައް، އެ ސަރަހައްދުން ނެގުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތި ވެފައިވާ ތަފާތު ދަތިތަކުން އަރައި ގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކުގެ ބައެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއުއެއް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.