ސްޕެނިޝް ސްޕަރ ކަޕް ފައިނަލުގައި އެތުލެޓިކޯ ބިލްބާއޯގެ އަސިއާ ވިލަލިބާއަށް ލިއޮނަލް މެސީ ކުރި ފައުލަކީ ގަސްދުގައި ކުރި ފައުލެއް ކަމަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިނަމަ ބާރަ މެޗަށް މެސީ ސަސްޕެންޑް ވެދާނެކަމަށް ބެލެވިއްޖެއެވެ.

މިފައުލާ ގުޅިގެން މެސީއަށް ވަނީ ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިފައުލަކީ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހު މިނެޓުގައި މެސީ އުފައްދަން އުޅުނު ހަމަލާއަކަށް އަސިއާ ހުރަސް އަޅަން އުޅުމުން މެސީ ކުރި ފައުލެކެވެ. ވީޑީއޯއިން ފެންނަ ގޮތުގައި ވަންޓޫއެއް ހެދުމަށްފަހު ބިލްބާއޯގެ ސެންސާކަލް ކުރިމަތިން މެސީ އުފައްދަން އުޅުނު ހަމަލާއަށް ފުރަތަމަ ހުރަސްއަޅަނީ އަސިއާއެވެ. މެސީ ރަނގަޅު ޕޮޒިޝަނަށް އެރިޔަ ނުދިނުމަށްޓަކައި މެސީގައިގައި ޖެހިގަތުމުން އޭނާ ފޮޅާލުމަށްފަހު މެސީ ދުއްވަންގަންނަ އުޅުމުގެ ތެރޭގައި މެސީއަށް އަތް އެޅެނީ އަސިއާގެ މޫނު މަތީގައެވެ.

މެސީގެ މިއަމަލަކީ ގަސްދުގައި އަސިއާގެ މޫނު މަތީގައި ޖަހަން ހިންގި އަމަލެއްކަމަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިނަމަ ހަތަރު މެޗަށް ނުވަތަ ބާރަ މެޗުގެ ސަސްޕެންޝަނަކާ މެސީ ކުރިމަތިލާން ޖެހޭނެއެވެ. މިމެޗުގައި މެސީއަށް ދެއްކި ރަތްކާޑަކީ ބާސެލޯނާގެ ޖާޒީގައި އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. އަދި ކެރިޔަރުގައި މިހާތަނަށް ދެއްކި ތިންވަނަ ރަތްކާޑެވެ.

ސްޕެނިޝް ސްޕަރ ކަޕް ފައިނަލުން ބިލްބާއޯ އަތުން ބާސެލޯނާ ބަލިވީ 3-2 އިންނެވެ. މިމުބާރާތް ބާސެލޯނާއިން 13 ފަހަރު ކާމިޔާބުކޮށްފައިވާއިރު ވާދަވެރި ރެއާލް މެޑްރިޑަށް ކާމިޔާބު ކުރެވިފައި ވަނީ 11 ފަހަރުއެވެ.