މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ދޫކުރާ ގޮތުގެ ލޭންޑް ޔޫޒް ޕްލޭން އާއްމުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އާއްމުކުރި ލޭންޑް ޔޫޒް ޕްލޭނުގައި ރެޒިޑެންޝަލް ބޭނުންތަކަށް ދޫކުރާ ބިންތަކާއި ކޮމާޝަލް ސަރަހައްދުތަކާއި ކުޅިވަރާއި ރެކްރިއޭޝަން އަދި ޔޫޓިލިޓީއަށް ބޭނުން ކުރާނެ ސަރަހައްދު ފާހަގަކޮށްފައެވެ. އޭގެ އިތުރުން، ތިމާވެށީގެ ގޮތުން ރައްކާތެރިކޮށްފައިވާ ސަރަހައްދުތައް ވެސް މި ޕްލޭންތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މީހުން ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަކީ ލާޒިމްކަމެކެވެ. ނަމަވެސް، ބައެއް ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން އަދިވެސް ފާސްނުވާކަން ފާހަގަކުރެވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9،003 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ނިންމާފައި ވެއެވެ.

ގޯތިތައް ރަޖިސްޓްރީކޮށް ހަވާލުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.