ފަލަސްތީނަށް އެހީވުމަށް ފަސް ދުވަހުގެ ޓެލެތޯންއެއް ބާއްވަން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިސޭސީ)އިން ނިންމައިފިއެވެ.

ރާއްޖޭގެ މީޑިޔާތަކާ ގުޅިގެން ބާއްވާ "އަހަރެމެން ފަލަސްތީނާއެކު" ޓެލެތޯން ކުރިއަށް ގެންދަން ރާވާފައި ވަނީ މާދަމާއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ.

އައިިއޭސީއިން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފްް ވިދާޅުވީ ފަލަސްތީނަށް އެހީވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މާދަމާ މާލޭގެ މިސްކިތްތަކުގައި ފަންޑު ފޮށި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައި އަންހެނުންވެ އެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އައިއޭސީން އެދިފައި ވަނީ މި އެއްވުމުގައި ބައިވެރިވާއިރު ކަޅުކުލައިގެ ހެދުމެއް ލުމަށެވެ.

އޭގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ހަމަހިމޭން ހަޅުލާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

އައިއޭސީން މަސައްކަތް ކުރަމުން ދަނީ ކަސްރަތު ކުރުމާ ބެހޭ ޖަމިއްޔާތަކާ ގުޅިގެން ދުވުމެއްވެސް ބޭއްވުމަށެވެ. ނަމަވެސް އެ ހަރަކާތް ބާއްވާނެ އިރެއް ފަހުގެ ތާރީހެއްގައި އިއުލާނު ކުރާނެ ކަމަށް އައިއޭސީއިން ބުންޏެވެ.