ރިޔާޟް (އޮކްޓޫބަރ 12): ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އީރާނުގެ ރައީސް އިބްރާހިމް ރައިސީ، އިޒްރޭލުން މިހާރު ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ހަނގުރާމައާ ގުޅޭ ގޮތުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިފޯން ކޯލުގައި ވަލީއަހުދު މުހައްމަދު ތަކުރާރުކޮށް ވިދާޅުވީ، މި ހާލަތު ގޯސްވުން ހުއްޓުވުމަށް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ހުރިހާ ޕާޓީތަކާ މުއާމަލާތްކުރުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ގެންދަވާ ކަމަށެވެ.

ޣައްޒާގެ އިންސާނީ ހާލަތުގެ ސީރިއަސްކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވައި އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހަމަލާދީ، މައުސޫމް ފުރާނަތައް ނެތި ކޮށްލުމަކީ ސައުދީ އަރަބިއްޔާއިން ކުއްވެރިކުރާ ކަމެއް ކަމުގައިވެސް ވަލީ އަހްދު މުޙައްމަދު މިފޯން ކޯލުގައި ވިދާޅުވި ކަމަށް ސައުދީގެ "އަލް އަރަބް ނިއުސް" އިން ރިޕޯޓް ކުރެއެވެ.

ވަލީއަހުދު މުޙައްމަދު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރުމުގައި ސައުދީގެ ރަސްކަމުން ކުރާ ތާއީދު ދަމަހައްޓަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތައް ކަށަވަރުކޮށްދޭ ފުރިހަމަ އަދި އިންސާފުވެރި ސުލްހައެއް ހޯދުމަށް ކުރާ މަސައްކަތުގައި ސައުދީ ދެމި އޮންނާނެ ކަމަށްވެސް ރައީސީއާއެކު ކުރިއަށް ގެންދެވި ފޯން ކޯލްގައި ވަލީއަހްދު މުޙައްމަދު ވިދާޅުވި ކަމަށް އަރަބް ނިއުސްއިން ބުނެއެވެ.