ރަށުން ބޭރުގައި ޒަލްޓާން އިބްރަހިމޮވިޗް ކާމިޔާބު ކުރި ދެލަނޑުން ކަގްލިއާރީ 2-0 އިން ބަލިކޮށް އޭސީމިލާން ތާވަލުގެ އެއްވަނައަށް އެނބުރި އަތުވެއްޖެއެވެ.

އިބްރަހިމޮވިޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 7 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ދެވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފް ފަށައިގެން 7 ވަނަ މިނެޓުގައެވެ. ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފަހު ފަނަރަމިނެޓް ކުޅެން ޖެހުނީ ސެއިލިމޭކާސްއަށް ރަތްކާޑް ދެއްކުމުން އެއްކުޅުންތެރިޔަކު މަދުކޮށެވެ.

މިމެޗުގައި ކާމިޔާބު ކުރި ދެލަނޑާއެކު ލީގުގައި އިބްރހިމޮވިޗް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ ބާރައަށް އަރާފައެވެ. އެއީ 8 މެޗުންނެވެ. ރޮނާލްޑޯ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ އިބްރަހިމޮވިޗަށްވުރެ އިތުރަށް މެޗް ކުޅެގެންނެވެ.

މެޗަށްފަހު، މިސީޒަނުގައި މިލާނަށް ލީގް ކާމިޔާބު ކުރެވިދާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އިބްރަހިމޮވިޗް ދިނީ އޭނާގެ ސްޓައިލްގެ ޖަވާބެކެވެ. "އަހަރެން އަހަރެންގެ ނަފްސަށް އިތުބާރު ކުރަން. އަހަރެން ޒަލްޓާނަށް އިތުބާރު ކުރަން" އިބްރަހިމޮވިޗް ބުންޏެވެ.

މިމޮޅާއެކު މިލާން ތާވަލުގެ އެއްވަނައިގައި އޮތީ 43 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އިންޓަމިލާން އޮތީ 40 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 34 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު ފައިދާ ލަނޑުގެ ތަފާތުން ރޯމާ އޮތީ ހަތަރުވަނައިގައެވެ. އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް 5 ވަނައިގައި އޮތީ 33 ޕޮއިންޓާއެކުއެވެ.