ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވައިފި

0

ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާ މިއަދު މަޢޫލޫމާތު ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ޙިއްޞާ ކުރެއްވީ ކުރިޔަށްއޮތް ހަފުތާގައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމްޢިއްޔާގެ 74 ވަނަ އާއްމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް މިމަހުގެ 21 ވަނަ ދުވަހު ކުރައްވާ ދަތުރުފުޅާބެހޭ މަޢުލޫމާތެވެ.

Advertisements

ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި ކްލައިމެޓް ސަމިޓްގެ އިތުރުން ފަސް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުވުންތަކުގެ ސަބަބުން ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުގެ އިތުރުން އެޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ލިބި، ތަރައްޤީގެ މަޝްރޫޢުތަކުގައިވެސް އެފަރާތްތަކުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ އެކޮމިޝަނުން ބަލަމުން ގެންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ޢަބްދުﷲގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ހުރި ހެއްކާއެކު އެމައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންނަ ހަފުތާގައި ފޮނުވޭވަރުވާނެ ކަމުގައެވެ. މީގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަޙުޤީގުކޮށް ނިމިފައިވީނަމަވެސް އެމައްސަލައަކީ މިހާރު ޝަރީޢަތް ހިނގަމުންދާ މައްސަލައަކަށްވުމާއެކު، ޝަރީއަތް ނިމުމާއެކު އެމައްސަލައިގެ ތަޙުޤީގު ރިޕޯޓް އާއްމުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ރ. މީދުއަށް އުފަން އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓުވެސް މިހާރު ވަނީ މުޅިން ނިމިފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އަދި އެހެންނަމަވެސް، ދެފަރާތަކާ ކޮށްލަންޖެހޭ ބައެއް ސުވާލު ހުރުމުން އެކަން ނިމުމާއެކީގައި އެރިޕޯޓުވެސް ހާމަކުރާނެ ވާހަކަ ދަންނަވަން. އަދި ރައުދާ އާތިފްގެ (މަރުގެ) މައްސަލަވެސް ބަލާނިމި ރިޕޯޓް ހާމަކުރާ ހިސާބަށް ގޮސްފައޮތްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އޭގެ އިތުރުން ހަތަރު މައްސަލައެއް، އަދި ހަތަރު ފަރާތެއްގެ މައްސަލަ ބަލަމުންގެންދާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް ދޫކޮށްފައިވާ 60 ރަށެއްގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 220 މިލިއަން ޑޮލަރު ނުލިބިވާކަން ކޮމިޝަނުގެ ތަޙުޤީގުން އެނގިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ މިރަށްތަކާ ބެހޭގޮތުން ނެރެފައިވާ އޮޑިޓްރިޕޯޓު ތަކުގައި ބުނެފައިވާ 91 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ގެއްލުމެއްކަން މިމައްސަލައިގެ ތަހުޤީގުން އެނގިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެރަރިޒަމްގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓެއް، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއެކު އެކުލަވާލައްވައި، އެލިސްޓު މިއަދު ޢާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ ޓެރަރިސްޓު ޖަމާޢަތްތަކާ ގުޅިގެން ހިންގާ ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް މުހިންމު ބާރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

Advertisements