''އިންޓަނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް'' ދުވަސް ފާހަގަކުރުމުގެ ގޮތުން ވިމެން އިން ޕޮލިސިންގގެ ފަރާތުން ސެމިނާއެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި މި ސެމިނާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

ފުލުހުން ބުމީ އަންހެން ކުދިންގެ ހައްގުތަކަށާއި ދެޖިންސުގެ ހަމަހަމަކަމަށް ކުރާ ހަރުކަށި އަސަރުތައް ހައްލުކުރުމަށް އަންހެން ކުދިން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ މި ސެމިނާ އަކީ މާލޭގެ ސްކޫލުތަކުގެ ގްރޭޑް 9 އަދި 10 ގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެމިނާއެއް ކަމަށެވެ.

އަދި މި ސެމިނާ ކުރިއަށް ގެންގޮސްފައިވަނީ ޕެނަލް ޑިސްކަޝަން، ސުވާލާއި ޖަވާބު އަދި މައުލޫމާތު ދިނުމުގެ ޝެޝަންތަކާ އެކުގައެވެ. އެގޮތުން، ވިމެން އިން ލީޑަރޝިޕް، ސައިބަރ ކްރައިމް، ކުދިންނަށް ލިބިދީފަައިވާ ހައްގުތައް އަދި އެކިކަހަލަ އަނިޔާތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފައި ވެއެވެ. މައުލޫމާތުދީފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުންް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް ދުވަހަކީ ދެޖިންސުގެ ހަމަހަމަކަމާ މެދު ހޭލުންތެރިކުރުމަށާއި އަންހެން ކުދިންގެ ހައްގުތަކަށް އެކުދިން ބާރުވެރިކުރުވުމަށް ވަކާލާތުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. އެންމެ ފުރަތަމަ މިދުވަސް ފާހަގަކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ ''އިންވެސްޓް އިން ގަރލްސް ރައިޓް: އަވަރ ލީޑަރޝިޕް، އަވަރ ވެލްބީންގ'' ނުވަތަ ''އަންހެން ކުދިންގެ ހައްގުތަކަށް އިންވެސްޓްކުރުން: އަޅުގަނޑުމެންގެ ލީޑަރޝިޕް، އަޅުގަނޑުމެންގެ ދުޅަހެޔޮކަން'' އެވެ.