ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލުގެ އަސީރުން ދޫކޮށްނުލާހާ ހިނދަކު ޣައްޒާއަށް ޒަރޫރީ ޚިދުމަތްތަކާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ނުދޭނެކަމަށް ހައްދުފަނައަޅާފައިވާ އިޒްރޭލުން ބުނެފިއެވެ.

"އިސްރާއީލުން ވަގަށް ނަގާފައިވާ މީހުންނަށް ގެއަށް ނުދެވޭހާ ހިނދަކު، ޣައްޒާގެ ކަރަންޓް ސްވިޗެއް ނުޖެއްސޭނެ، ފެނުގެ ޚިދުމަތެއް ނުދެވޭނެ އަދި ފިއުލް ޓްރަކަރަކަށް ޣައްޒާ ތެރެއަށް ވަންނާކަށް ފުރުސަތެއް ނުދޭނަން" ޒަޔޮނިސްޓް އިސްރާއީލުގެ ހަކަތައާ ބެހޭ މިނިސްޓަރު ކަޓްޒް ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އިޒްރޭލުގެ ހައްދުފަނައެޅި ސިފައިންނާއި އާންމުން ހިމެނޭހެން 100 އަށްވުރެ މީހުން ރަހީނުން ގޮތުގައި ހަމާސްއިން ވަނީ ހިފަހައްޓާފައެވެ.

ހިފަހައްޓާފައިވާ އަސީރުންގެ ތެރެއިން، މިދިޔަ ބުދަ ދުވަހުގެ ރޭ ހަމާސްގެ ހަތިޔާރު އެޅި ވިންގު ކަމަށްވާ އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ އަސީރު އަންހެނަކާއި ދެ ކުދިން ދޫކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އަނިޔާވެރި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 5000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން ފަަލަސްތީން ބިމުގައި އިޒްރޭލު ނަމުގައި ޔަހޫދީންނަށް ހެދީ 1948 ވަނަ އަހަރުއެވެ. އެއަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ އަސްލުވަޒަންވެރިން އެބިމުގައި ނިކަމެތިކޮށް ގިނަ ބިންތަކެއް ފޭރިގަނެފައެވެ. މީގެ އިތުރުން ސީރިޔާގެ ގޯލާންގެ އުސްބިންތަކެއްވެސް އިޒްރޭލުން ވަނީ ފޭރިގަނެފައެވެ. ސަހްޔޫނީ އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް އދ. ގެ ތެރެއިން ދިފާއު ކުރަނީ އެމެރިކާ އާއި އިނގިރޭސިންނެވެ.