ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސް ފޮހެލުމަށް ކަމަށާއި އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެ މީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

"ފަލަސްތީނާއި އިސްލާމީ އުއްމަތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ފަލަސްތީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެއް ކަމަށާއި އެއީ ﷲ ތައާލާ ބަރަކާތް ލައްވައި، މާތްކުރައްވާފައިވާ ބިމެއް ކަމަށެވެ.

ހުތުބާގައި ބުނީ، އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެ މީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް ކަމަށެވެ.

ހަނގުރާމަތަކުގައި މުސްލިމުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވެގެން ނޫން ކަމަށާއި ނަމަވެސް އެބައިމީހުން ﷲ ތައާލާއަށް ބަރޯސާވެ، ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމުން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ފަލަސްތީނަކީ އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް އަދި އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ އެއީ ކީރިތި ރަސޫލާ އެ ބިމަކަށް އިސްރާ ކުރެވުނު މުގައްދަސް ބިން ކަމަށާއި ކީރިތި ރަސޫލާ މަތިވެރިވެގެންވާ މިއުރާޖުގެ ދަތުރުފުޅު ފެށްޓެވީ އެ ބިމުގައި މަސްޖިދުލް އަގްސާއިން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ އިސްރާއާއި މިއުރާޖުގެ އެ ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން ކީރިތި ރަސޫލާ މަސްޖިދުލް އަގްސާގައި ނަމާދު ކުރެއްވި ކަމަށާއި އެ ދަތުރުފުޅުން މުސްލިމުންގެ ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގްސާއާއި ދެވަނަ ގިބުލަ ކައުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދޭ ކަމަށެވެ

ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސް ފޮހެލުމަށް ކަަމަށް ހުތުބާގައި ވަނީ ހާމަކޮށްފައެވެ. ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލް އަގުސާގެ ދަށުން ޔަހޫދީން ކޮންނަމުންދާ ބިންގަރާސްތަކަކީ ނުރައްކާތެރި ޖަރީމާއެއް ކަމަށާއި މަސްޖިދުލް އަގްސާގެ ދަށުގައި ފައްޅިތަކެއް އެޅުމަކީ އެމީހުންގެ ހަގީގީ މަގުސަދުކަމަށްވެސް ހުތުބާގައި ވަނީ ކިޔައިދީފަައެވެ.

ޔަހޫދީން މިހާރު އެ ފެށީ މަސްޖިދުލް އަގްސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއު ކަމަށާއި ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތައިލުމުގެ މަޝްރޫއު ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، އަދުއްވުންނާ ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވެގެން ނޫން ކަމަށާއި ނަމަވެސް އެބައިމީހުން ﷲ ތައާލާއަށް ބަރޯސާވެ، ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމުން ކަމަށެވެ.

އެންމެ އަސާސީ ހައްގުތަކުން މަހުރޫމު ކުރެވި، އަނިޔާ ލިބި، އަމިއްލަ ބިން ފޭރިގަނެވިފައިވާ ފަލަސްތީނުގެ މުސްލިމުން އެބައިމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ ގާނޫނުތަކުގައިވެސް އެބައިމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.