ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ރާއްޖޭގެ ސެންޓްރަލް ބެންކުގެ ގަވަރުނަރު އަލީ ހާޝިމް ހޮވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ގަވަރުނަރު ހާޝިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު, ގަވަނަރ ހާޝިމަށް މަރުޚަބާ ދެންނެވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއީ ވަރަށް ތާރީޙީ އަދި ފަހުރުވެރި ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވަނީ ސިފަކުރައްވާފައެވެ.

މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.