ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފް މިފަހަރު އޭނާގެ ލައިވް ހާއްސަކުރީ ފަލަސްތީނަށެވެ.

ސަމާ ވަނީ ޓިކްޓޮކް ލައިވް މެދުވެރިކޮށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހޯދައިދީފިއެވެ.

ހުކުރު ދުވަހުގެ ރޭ ސަމާ ކުރިއަށްގެންދިޔަ ލައިވްއެއްގައި އޭނާ ވަނީ ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް އޭނާ ހޯދި 51،225 ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ގެ އެކައުންޓަށް ފޮނުވާފައެވެ. އެ ފައިސާ ފޮނުވުމަށް ފަހު ސްލިޕް ސަމާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައިވެސް ހިއްސާ ކޮށްފައެވެ.

އެ ޕޯސްޓްގައި އޭނާ އައިއޭސީ މޯލްޑިވްސް ޓެގްކޮށްފައިވާއިރު، ރީމާކްސްގައި ވަނީ "ދިވެހި ޓިކްޓޮކް ފަންނާނުން ތިބީ ފަލަސްތީނާއި އެކު" ލިޔެފައިވެއެވެ. ސަމާ ވަނީ އެ ލައިވް މެދުވެރިކޮށް ލިބުނު 550 ޑޮލަރުވެސް އައިއޭސީގެ އެކައުންޓަށް ޖަމާ ކޮށްފައެވެ.

ސަމާގެ މި މަސައްކަތާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ދަނީ ލިބެމުންނެވެ.

ފަހަކަށް އައިސް އެކިކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަމާ ދަނީ ޓިކްޓޮކް ލައިވް މެދުވެރިކޮށް ފައިސާ ހޯދައިދެމުންނެވެ.

ރާއްޖޭގައި ޓިކްޓޮކް ފަންނާނުންގެ ތެރެއިން، މިގޮތަށް އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ހޯދަން ފުރަތަމަ ލައިވް ފެށްޓި ފަންނާނަކީ ސަމާއެވެ. އޭގެ ފަހުން ޓިކްޓޮކްގައި "ލީލާފް ޒައި" ކިޔާ ފަރާތަކުންވެސް މިހާރު ދަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލައިވް މެދުވެރިކޮށް އެހީ ހޯދައިދެމުންނެވެ.

ސަމާގެ އިތުރުން ރާއްޖޭގެ ކްލަބު ޖަމިއްޔާތަކާއި މަސް އޮޑިފަހަރުތަކުންވެސް ގެންދަނީ ފަލަސްތީނަށް އެހީވުމުގެ ހަރަކާތްތައް ހިންގަމުންކަން ފާހަގަ ކޮށްލެވެއެވެ.