ރޭގަނޑުގެ ކަނި އަނދިރިކަމަށް ފަހު ދުވާލުގެ އަލިކަމަށް މަރުހަބާކީ އިރު އަހަރެން އިނީ މާލޭގެ ޓްރެކް ސަރަހައްދާއި ދިމާ ތޮށިގަނޑުމަތީގައެވެ. އެއީ އަހަރެންގެ އަބަދުވެސް އާދައެކެވެ. އިރުއަރާ މަންޒަރު ބެލުމަކީ އަހަރެންގެ ހިތަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެއީ އަހަރެންގެ މާޒީއާއި ގުޅިފައިވާ ވަގުތެކެވެ. އެ އުފާވެރި ދުވަސްތައް ފެށުނީވެސް ހަމަ މިތަނުން ނެވެ.

އެއީ މީގެ ވިއްސަކަށް އަހަރުގެ ކުރިއެވެ. އަހަރެންގެ އާދައިގެ މަތިން އިރުއަރާ މަންޒަރު ބަލަން ވަރަށް ޝަޢުގުވެރިކަމާއިއެކު އިނީމެވެ. ފޯނުގެ ކެމެރާ މޫދާއި ދިމާލަށް އަޅުވައިގެން ފޮޓޯ ނަގަން ފަށައިފީމެވެ. ވަށައިގެން ހިގާ އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ވަށައިގެން ކިތަންމެ ބަޔަކު ހެނދުނު ހެނދުނާއި ހޭލައިގެން ދުޅަހެޔޮ ހަށިގަނޑެއްގެ ބޭނުމުގައި ކަސްރަތު ކުރަމުން ދިޔައެވެ. ނަމަވެސް މި އެންމެންގެ ތެރެއިން އަބަދުވެސް އަހަރެން ވަރަށް ޝަޢުގުވެރިކަމާއި އެކު ބަލަމުންދާ ކަސްރަތު ކުލާހެއް އޮވެއެވެ. ބައެއް ފަހަރު އެމީހުން ނަށާހެންވެސް ހީވެއެވެ. އެކި ގޮތްގޮތަށް ލެނބި ހަދާއިރު އެމީހުންނަށް އިރުޝާދު ދިނުމަށް ވަރަށް ހުށިޔާރު ކޯޗެއް ހުރެއެވެ. އެމީހުންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އެކޯޗްގެ ބީޓާއި އެއްވަރަށެވެ. އަހަރެންގެ ހިތްވެސް އެދިމާލަށް ލެބެމުން ދިޔައީ ކޯޗުގެ ފަރި ހަރަކާތް ފެނިފައެވެ. ޖެހިގެން އައި ދުވަހު ފޭސްބުކުން އެކްލާހަށް ވަނުމަށް ބޭނުންވާ ކުދިން ނަން ނޯޓް ކުރުމަށް އިޝްތިހާރެއް ޖަހާފައި އޮއްވައި ދެކުނީމެވެ. މި ލިބުނު ފުރުސަތުގެ ބޭނުން ހިފަން އަހަރެން ބޭނުން ވިއެވެ. ވަގުތުން އެނަމްބަރަށް ގުޅައިލީމެވެ. ފުރަތަމަވެސް އެކޮޅުން ސަލާމް ގޮވައިލިއެވެ. އަހަރެން ލަދުގަތެވެ. ފުރަތަމަ އަހަރެން ސަލާމް ގޮވަންޖެހޭ ތާގައި ސަލާމް ގޮވީ ކޯޗެވެ. އެ އަޑުގައި ހުރީ މަޑުމައިތިރި ކަމާއި އޯގާތެރި ކަމެވެ. އަންހެން ކުދިންގެ ހިތް ދަމައިގަންނަ ކަހަލަ ޖާދުވީ އަޑެކެވެ. އަހަރެން ކަސްރަތު ކްލާހުގައި ބައިވެރިވާން ބޭނުންވާ ވާހަކަ ބުނެލީމެވެ. ދެން ކޯޗް ކުރީ ސުވާލު ތަކެކެވެ. ސިއްޚަތާއި ގުޅޭ ސުވާލުތައް ކުރަމުން ދިޔައިރު އެ ހިތްގައިމު އަޑު އަހަން އެއްވެސް ފޫހި ކަމެއް ނެތި އަހަރެން އިނީމެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެ ކްލާހުގައި ބައިވެރިވާން ނިންމީމެވެ. ކޯޗުގެ އިންޓަރވިއުއިން ފާސްވެ ޖެހިގެން އައި ދުވަހު ހެނދު އަހަރެން އެކްލާހުގައި ބައިވެރިވީމެވެ. އެއީ ވަރަށް ހިތްހެޔޮ މީހުންނާއި ވަރަށް ގުޅޭ ކުދިން އުޅޭ ކްލާހެކެވެ. އެދުވަހުގެ ކަސްރަތުގެ ތެރެއިން އޮތީ ބޯޓް ދެއްކުމުގެ ވާހަކައެވެ. ފަޒީލު ކިޔާ ކުއްޖަކު ބޯޓް ދުއްވާ ވާހަކައެވެ. އަދި އެބޯޓް ދައްކަން އެހެން އަންހެން ކުއްޖަކު ހުންނަ ވާހަކައެވެ. އަހަރެން އުފާވީ މި ކްލާހުގައި ޕައިލެޓެއް ވެސް ހުރީމައެވެ. ތަނަކަށް ދާން ޖެހުނަސް ފަސޭހައިން ޓިކެޓެއް ނަމަވެސް ލިބިދާނެކަމަށްޓަކައެވެ. ނަމަވެސް ފަހުން ރޭކާލީ ގޮތުގައި އެއީ ޕައިލެޓެއް ނޫނެވެ.

ކްލާސް ކުރިއަށް ދިޔައިރުވެސް އަހަރެންގެ ނަޒަރު ހުންނަނީ ކޯޗަށް ހުއްޓިފައެވެ. ކްލާހަކީ އަހަރެން ހީކުރިވަރަށް ވުރެ މަޖާ ކްލާހެކެވެ. ސީމާގެ ބައެއް ފަހަރު ބުނެލާ ޖޯކްގައި ނާޒިމާ އާއި ޒުލޭ، އައްޒަ ބައިވެރިވެއެވެ. އެ މަޖަލުގައި ކްލާސް ނިމިދާ ގޮތެއްވެސް ނޭގެއެވެ. ނަމަވެސް އަހަރެންގެ ނަޒަރު އަބަދުވެސް ހުންނަނީ ކޯޗަށް ހުއްޓިފައެވެ.

ޖެހިގެން އައިރެއަކީ އަހަރެން އުންމީދު ކުރަމުން އައި ރެއެވެ. އާއަހަރު ފާހަގަ ކުރަން ކަސްރަތު ކްލާހުގެ ހުރިހާ ކުދިން ޖަމާވިރެއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހުނަސް ކްލާހުގެ ކުދިން އެރޭގެ ކެއުން ކެންސަލް ކުރާކަށް ބޭނުން ނުވާ ކަހަލައެވެ. އަހަރެންވެސް ވަރަށް ނަލަހެދިލައިގެން އެގޭ ޓެރަހަށް އެރީމެވެ. ނަމަވެސް އެވަގުތަކީ ވާރޭ ކޮންމެވެސް ވަރަކަށް ވެހެމުން ދިޔަ ވަގުތުކަމުން މާގިނަބަޔަކު ނެތެވެ. ނަމަވެސް ކޯޗާއި އަދިވެސް ބައެއް ފިރިހެން ކުދިން ތަން ތައްޔާރު ކުރުމުގައި އުޅުނެވެ. އަހަރެން ގޮސް ކޯޗާއި ކުޑަކޮށް ގާތްވެލީމެވެ.

" ކޮބާ ކޮންއެއްޗެއް މީރީ" އަހަރެން ފުރުސަތުގެ ބޭނުން ހިފީމެވެ.

" ކާއެއްޗެއް ވިއްޔާ ހުރިހާ އެއްޗެއްވެސް މީރު " ކޯޗް ހުރީ ވަރަށް މަޖާވެލާފައިއެވެ. އަހަރެން ކޯޗްގެ ނަމުން މުޚާތަބު ކުރާކަށް ބޭނުމެއް ނޫނެވެ. އަބަދުވެސް ބޭނުންވަނީ ކޯޗްގެ އޭ ކިޔާށެވެ.

" ބުނެބަލަ އެންމެ މީރީ ކޮން އެއްޗެއް " އަހަރެން ބޭނުންވީ ވީހާވެސް ގިނައިރަކު ކައިރީގައި ބައިންދާށެވެ.

" ބިރިޔާނި" ކޯޗް އެހެން ބުނުމާއި އެކު އަހަރެން އުފަލުން ފުރުނެވެ. އަހަރެންނަށް ވެސް އެންމެ މީރީ ބިރިޔާނި ކަމަށް ވާތީއެވެ.

" އަހަރެން މިރޭ ގެނައީ ބިރިޔާނީ. ރަނގަޅަށް ކާތި. ކޮބާ ދަރިފުޅާއި އަންހެނުން " އަހަރެން ގަސްދުގައި މައުޟޫ ބަދަލު ކޮއްލީމެވެ.

" އެބައުޅޭ. އަހަރެން ވަރަށް އަދި އެމީހުންވެސް ވަރަށް ލޯބި ވާނެ " ކޯޗް ފައްޗަކަށް އަމުނައި ލިއެވެ.

" އަހަރެން އަދިވެސް މިހުންނަނީ ހުސްކޮށް. ހޯދަދީބަލަ އިންނާނެ ރަނގަޅު ކުއްޖެއް" އަހަރެން ވަރަށް ފާޅު ގޮތަކަށް ބުނެލީމެވެ.

" އޯހް. ކީއްކުރާނީ އަހަރެންގެ އެބަތިބި ވަރަށް ލޯބިވާ ވައިފް އަކާއި ދަރިއެއް" ކޯޗް އޭނަގެ ލައިފްގެ ސުރުޚީ އަޅައިލިއެވެ.

" ދެން ހަމަނެތްތަ ދަންނަ ކުއްޖަކު " އަހަރެން ބޭނުންވީ ވީހާވެސް ގިނައަކުން ވާހަކަ ދައްކާށެވެ.

" ނޫން. އެބަހުރި. ފަޒީލް ކިޔާ ކުއްޖެއް. ނާޒިމާ މެދުވެރިކޮށް އަހާބަލަ. ހީވަނީ އޯކޭ ވާނެހެން " ކޯޗް ފަޒީލްގެ ކުޑަ ތަޢާރަފެއް ދިނެވެ.

އެވަގުތު ކާއެއްޗެހި ހިފައިގެން ކުދިން އައިސް ޓެރަސް އަށް އެރި ހިސާބުން އަހަރެންގެ ވާހަކަ މެދު ކެނޑުނީއެވެ. އަހަރެން ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައީ އެވެ. އެއީ ހާދަހާ ވަފާތެރި ފިރި އެކޭ ހިތަށް އެރިއެވެ. އެކަހަލަ ފިރިހެނުން އަދިވެސް ދުނިޔޭގައި އުޅޭބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް ކޯޗް އެ ބުނާ ފަޒީލަކާއި އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެވާހަކަ ކުރިންވެސް އަހަރެން ގާތުގައި ސީމާ އާއި ނާޒިމާ ދެމީހުން ވަނީ ދައްކައި ފައެވެ. ފަޒީލަކީވެސް އޯގާތެރި ފިރިހެނެކެވެ. ނަމަވެސް އަހަރެން އެހެން މީހަކާއި އިންނާކަށް ބޭނުމެއް ނޫނެވެ. އަހަރެން ކުރަމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ނިވުނީއެވެ. ކުރި ހުރިހާ އުއްމީދުތައް ވިއްސި ވިހާލި ވީއެވެ. އެކަމަކު އަދިވެސް އެ މަންޒަރުތައް ލޯމަތިން ފެންނަ ކަހަލައެވެ. އެކަމަކު ސިއްރު ސިއްރުން ތެދެއް ބުނަންހެއްޔެވެ. ކަލާ ހީލުމުން ހާދަ ރީއްޗެވެ.

= ނިމުނީ =