އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ ތިންވަނައަށް އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް މިސްކިތަށް ހަމަލަދީ (މަސްޖިދު އަލް-އުމާރީ އަލް-ކަބީރް މިސްކިތް / ދަ ގްރޭޓް މޮސްކް އޮފް ގާޒާ) ބިމާ ހަމަކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މަސްޖިދު އަލް-އުމާރީ އަލް-ކަބީރް މިސްކިތާއި މިސްކިތް ހިމެނޭ ސަރަހައްދަށް އިޒްރޭލުން ވައިގެ މަގުން ހަމަލާތަކެއް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ދީފައެވެ.

އަލް-މަސްޖިދު ޣައްޒާ އަލް-ކަބީރްގެ ނަމުންވެސް ނަން ދީފައިވާ އެ މިސްކިތަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ އެއް މިސްކިތްކަމަށް ރިޕޯޓްތަކާއި ރެކޯޑުތަކުން އެނގެއެވެ.

ވިކިޕީޑިއާ މައުލޫމާތުގައި ވާ ގޮތުން، އަލް-މަސްޖިދު ޣައްޒާ އަލް-ކަބީރް ގެ ތާރީހު ހަތްވަނަ ގަރުނަށް ފޯރާނެ ކަމަށް ވެއެވެ.

އިޒްރޭލުން އަންނަނީ ހުއްޓުމެއްނެތި ގާޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ރޭގައި އެކަނިވެސް ގާޒާގެ އެކި ސަރަހައްދުތަކަށް ސަތޭކަ އަށްވުރެ ގިނަ ހަމަލާ ދީފައިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަލާދެމުން އަންނަތާ ސާދަ ދުވަސްވެފައިވާއިރު ގާޒާއިން އެކަނި މިހާތަނަށް 3،785 މީހަކު ވަނީ މަރުވެފައެވެ. 12 ހާހުން މަތީ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.