ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯ އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން މިފައިސާ ހަދިޔާކޮށްފައިވަނީ އިންސާނީ އެހީ ދިނުމުގައި ބައިނައަލްގާވްމީ ފެންވަރުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" އަށެެވެ.

ސްޓެލްކޯގެ ބޯޑު ރޯމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެހީ އައިއޭސީއާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ. އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވީ އެ ޖަމާއަތުގެ ޗެއާމަން އަހްމަދު އިގްބާލް އެވެ.

މީގެ އިތުރުން އައިއޭސީގެ ފަންޑަށް އެހީވުމުގެ ގޮތުން ސްޓެލްކޯގެ މައި އޮފީހުގެ ލޮބީގައިވެސް ވަނީ ފަންޑު ފޮށްޓެއް ބަހައްޓާފައެވެ.

ފަލަސްތީނަށް އެހީވުމަށް މިދިޔަ ހަފްތާގައި އައިއޭސީ އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯން މެދުވެރިކޮށްވެސް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ.