ސަރުކާރަށް އެހީގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 3.2 ބިލިއަން ރުފިޔާ

0
ބޭރުގައުމުތަކުން ހިލޭ އެޙީގެ ގޮތުގައި އިތުރު ފައިސާ ލިބޭނެކަމަށް ސަރުކާރުން ބުނޭ

މިސަރުކާރު އައިފަހުން ބޭރު ޤައުމުތަކުން ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ އެހީ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ގުޅުން ބަދަހިކުރަނީ ސަރަޙައްދީ ޤައުމުތަކާ އެކަނި ނޫންކަމަށާ، މެދުއިރުމައްޗާއި ޔޫރަޕްގެ ޤައުމުތަކާވެސް ގުޅުން ބަދަހިކޮށްފައިވާކަމަށެވެ. އަދި އެޤައުމުތަކުން ރާއްޖެއަށް މިހާތަނަށް 3.2 ބިލިއަން ރުފިޔާގެ އެހީ ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށާއި، އާބިޓްރޭޝަން މަރުހަލާގައި ދައްކަންޖެހުނު ފައިސާގެ ޢަދަދުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކަށް 759.8 މިލިއަން ރުފިޔާ ދައްކާފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކާއި ބޭރު ޤައުމުތަކުގެ ކުންފުނިތައް ހިމެނޭކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރ ވިދާޅުވީ، ކުރީ ސަރުކާރުން މަޝްރޫޢުތައް ހިންގާފައިވާލެއް ދޯދިޔާކަމުންވެސް ގިނަ ފައިސާތަކެއް ދައުލަތުން ހޭދަކުރަންޖެހުނުކަމަށެވެ. އެގޮތުން އެކިޤައުމުތަކުގެ އާބިޓްރޭޝަން މަރުހަލާގައިވާ މައްސަލަތަކަށް ބޮޑެތި ޢަދަދުތަކުން ޚަރަދުކޮށްފައިވާކަމަށެވެ.

Advertisement

އަދި އެމްއާރުޑީސީ އުވާލުމުގެ ކުރިން އެކުންފުނިން ނިންމާފައިވާ މަސައްކަތްތަކަށް 26.1 މިލިއަން ރުފިޔާ ދެއްކިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ސުނާމީ ކާރިސާއާގުޅިގެން ގެދޮރު ޢިމާރާތްކުރަން ދޫކުރި ލޯންތައް މަޢާފްކުރުމަށް 15.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ ހުކުމާގުޅިގެން 7.1 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މީގެ އިތުރުން ނޫމަޑި ސެޓްލްމެންޓް އެގްރިމަންޓަށް އަޅުގަނޑުމެން ވާނީ ފައިސާ ދައްކާފައި. މިޢަދަދު ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއަށް އަރާ. މީގެ އިތުރުން ނޮވެމްބަރ 2018 ފެށިގެން ސަރުކާރަށް ޓޯޓަލް ގްރޭންޓްގެ ޢަދަދު އެބައަރާ 3.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް.” ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބަޖެޓް ކޮށްފައިވާ މަޝްރޫޢުތައް ބަޖެޓާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. މިނިސްޓަރ ވަނީ މަޝްރޫޢުތައް ޙަވާލުކުރުމަށް ޓެންޑަކޮށް 136 މަޝްރޫޢު ހަވާލުކޮށްފައިވާކަމަށާއި، އެމަޝްރޫޢުތަކުގެ އަގު 3.8 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here