ސަރުކާރުގެ މަޤާމުތަކުގައިތިބި އެމްޑީއެން އަށް ނިސްބަތްވާ މީހުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މަައްސަލަ ބޭރުކޮށްލައިފި

0
އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މެމްބަރުންދަނީ ގޮވާލަމުން

ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް މަޤާމުން ވަކިކުރުމަށް ހުށައެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅި ކުއްލި މައްސަލާގައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުއްރާސަރަކޮށްފައިވާކަމަށާއި، އެކަން ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އެ ޖަމްޢިއްޔާ ހިންގަން ތިބި އެތައް ބަޔަކަށް ސަރުކާރުގެ އެކި މަޤާމުތައް ދެއްވާފައިވާކަމަށާއި، އެފަރާތްތައް ސަރުކާރުގެ ނުފޫޒް ބޭނުންކޮށްގެން ދީނަށް ފުރައްސާރަ ކޮށްފާނެތީ އެމީހުން މަޤާމުން ވަކިކުރަންޖެހޭކަމަށެވެ.

ޚާއްޞާކޮށް ދައުލަތުގެ ތަންފީޒީ މަޤާމުތަކުގައި ތިއްބެވި އެ ޖަމްޢިއްޔާއަށް ނިސްބަތްވާ މެންބަރުންގެ ސަބަބުން އިސްލާމްދީން ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި ބާޠިލް ފިކުރުތައް އުފެދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެ މަޤާމުތަކުން އެމީހުން ދުރުކުރަންޖެހޭކަމަށްވެސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

Advertisement

އެމްޑީއެންއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް ޝިޔާމް ކުއްލި މައްސަލައެއް ހުށައެޅުއްވުމުން، ނިޒާމީ ނުކުތާ ނަންގަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ޝިޔާމް އެމައްސަލަ ހުށައެޅުއްވީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށްކަމަށެވެ.

މަޖިލީހުގައި އެދައުރެއްގައި ބަހުސްކޮށްފައިވާ މައްސަލައެއް ދެވަނަ ފަހަރަށް ހުށަނޭޅޭނެކަމަށް ޢާޒިމް ވިދާޅުވިނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ހުށައެޅުމަށް ފުރުޞަތު ދީފައިވެއެވެ. ނަމަވެސް ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެވަގުތު ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ކީރިތި ރަސޫލާއަށާއި އިސްލާމްދީނާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް އެމްޑީއެން އިން އެކުލަވާލި ރިޕޯޓްގެ މައްސަލަ ހޫނުވެފައިވާއިރު ސަރުކާރުން ވަނީ އެ މައްސަލަ ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލައި، ދިވެހި މުޖްތަމަޢުގައި ޤާއިމްވެފައިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here