ގުޅީފަޅު ވިޔަފާރި ބަނދަރުގެ ކޮންސަލްޓަންސީ މަސައްކަތް ފަށައިފި

0
ސަރުކާރުންވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށް އިތުރަށް ތަރަށްޤީކުރުމަށް ނިންމާފައި

ގުޅިފަޅުގައި ސަރުކާރުން ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.

ގުޅިފަޅު ބައިނަލްއަޤްވާމީ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުޞޫލުން ޑެންމާކުގެ ނިރާސް އޭ.އެސް ކުންފުންޏާއި، ހޮލޭންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަނާއެވެ. އެއް މިލިއަން ފަންސާސް ހާސް ޑޮލަރަށް މި މަސައްކަތް އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ގުޅިފަޅުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތަށް ބޭނުންވާ މޮބިލައިޒޭޝަންގެ މަސައްކަތްތައް ނިންމާ، ކޮންސަލްޓެންސީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން މި މަޝްރޫއަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ގުޅިފަޅުގެ މާސްޓަރ ޕްލޭން އެކުލަވާލުމާއި، މި މަޝްރޫއަށް ބޭނުންވާ އިންޖިނިއަރިންގ ކުރެހުންތައް އެކުލަވާލުމުގެ އިތުރުން ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

Advertisements

ގުޅިފަޅު ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މި މަޝްރޫޢަށް ބޭނުންވާ ޓެންޑަރ ޓޮކިއުމަންޓްތައް 4 މަސް ދުވަހުގެ ތެރޭގައި ކޮންސަލްޓެންސީ ގްރޫޕުގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅިފަޅުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީކުރުމަށް ކޮންސަލްޓަންސީ ދިނުމަށް ހަވާލުކުރި ޑޮންމާކާއި ހޮލެންޑުގެ ދެ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ މިފަދަ ބިޔަ މަޝްރޫޢުތަކަށް ކޮންސަލްޓަންސީ ދީފައިވާ ކުންފުނިތަކެކެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރުތަކެވެ،

ސަރުކާރުގެ ނޫ އިޤްތިޞާދުގެ ދަށުން ގުޅިފަޅުގައި ބައިނަލްއަޤުވާމީ ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތެވެ.

Advertisements