އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަކަށް ނުދޭނެ – އެމްއޭސީއެލް

0
ވަކިބަޔަކަށް ފައިދާވާގޮތަށް ސީޕްލޭން ޓާމިނަލް ނުދޭނެކަމަށް ސަރުކާރުން ބުނޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށާއި އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން، އެ ޓާމިނަލް ހަމައެކަނި ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރިފައި އޮތްކަން ފާހަގަކޮށް އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެ ޓާމިނަލް ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުން ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

Advertisement

މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ވެސް ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން މި ސުވާލު އަމާޒުވި އެވެ. އެ މަނިކުފާނު ވެސް އޭރު ވިދާޅުވެފައި ވަނީ “ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ” ކަމަށެވެ.

ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.

އެމްއޭސީއެލް އިން ކުރިން ބުނި ގޮތުގައި ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެކަމަކު މިހާރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލްކުރަނީ އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުންނެވެ. ކުރިން އެމެރިކާގެ ބްލެކް ސްޓޯން އިން ކޮންޓްރޯލްކުރި މެޖޯރިޓީ ހިއްސާ ބައިން އާއި ޓެމްޕަސް ގުޅިގެން 2017 ގައި ގަތީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ކަމަށް އެ ދުވަސް ވަރު މީޑިއާތަކުގައިވަނީ ހަބަރު ފެތުރިފައެވެ.

ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމާ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here