ޖޭއެސްސީ އިން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ނިންމައިިފި

0
ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން މީގެކުރިންވެސް ވަނީ ބަލާފައި

ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކާ ގުޅޭ ކަންކަން ބެލުމަށް ޚާއްސަ ކޮމެޓީއެއް ޖޭއެސްސީން ކުރިން އޮތީ އެކުލަވާލައިފަ އެވެ. އަދި އެ ކޮމެޓީން އޮތީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ޚިލާފަށް ނިންމި ނިންމުންތަކާ ބެހޭގޮތުން ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރިޕޯޓާ ބެހޭގޮތުން އެ ކޮމިޝަންގެ ޖަލްސާގައި މަޝްވަރާ ކުރުމަށް ފަހު، އެކަމުގައި ބައިވެރިވެ ވަޑައިގަތް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި، ޝަރުއީ ދާއިރާއާބެހޭ ގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރިގްލާ ދާދިފަހުން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

Advertisements

ޖޭއެސްސީން ބުނިގޮތުގައި އެ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު އިތުރު ކަމެއް ފާހަގަކުރެވޭ ނަމަ، އެކަމެއް ހިމަނައިގެން ތަހުގީގު ހިންގަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެކަމުގައި ކޮމިޝަނަށް ކުރިމަތިވާ ދަތިތައް ފާހަގަކޮށް، އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީގެ ސަމާލު ކަމަށް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެއީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްސަލަ އަކާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ދެ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކުގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމިއިރު، ޝަރުއީ ދާއިރާއާ ގުޅޭގޮތުން ކްރިގްލާ ތައްޔާރުކުރި ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ވެސް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމިއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭ އެހެން މައްސަލައެއް ބެލުމަށް ފަހު ފިޔަވަޅެއްގެ ގޮތުން އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

Advertisements