މާލޭގެ މަގުތައް ތަރުތީބުކޮށް އަލުން ހަދަން ފަށަނީ

0
މާލޭގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުން

މާލޭގެ ބައެއް މަގުތަކުގައި ހުރި ގާތައް ނަގައި މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބައެއް މަގުތައް ހަލާކުވެ، ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި ވާތީ އާއި ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، މާލޭގެ މަގުތައް އަލުން ހަދައި އެކި ސަރަހައްދުތަކުގެ ޕާކިން އަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެކަމަކު، އަލުން ހަދާ މަގުތަކުގެ މައުލޫމާތެއް މިނިސްޓަރ އަސްލަމް ދެއްވާފައެއް ނުވެއެވެ.

Advertisements

އަސްލަމް އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް މާލެ އަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށާއި ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ. އަދި މާލެ އިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުން ޕަމްޕް ބޭނުންކޮށްގެންނެވެ.

އަސްލަމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ކިރިޔާ ފެންބޮޑުވިޔަަސް މީހުންނަށް ދައްޗާއި އުނދަގޫތައް ދިމާވާ ކަމަށެވެ. މާލޭގައި ފެން ބޮޑު ވަނީ ބޮޑަށް އަޑިގަނޑު ހުންނަ ތަންތަނުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ، މާލޭގެ މަގުތައް އަލުން ހަދަން މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ، ފެން ހިންދާ ނިޒާމު، ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ވެސް ހިމެނޭ ގޮތަށެވެ. އަދި މާލޭގެ މަގުތަކުގެ އަޑީގައި ހުރި ހޮޅިތައް “އިރުއިރުކޮޅާ” ކޮންނަން ނުޖެހޭ ގޮތަށް ކަންކަން ތަރުތީބުވާން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

“އެއްވެސް ހާލެއްގައި ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. ނަމަވެސް ވީހާ ވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް، ބިމުގެ އަޑީގައި ހުރި ނެޓްވޯކްތައް ބަދަލު ކުރުމާއި އެކީގައި ޕަމްޕްތައް ލާން ޖެހޭނީ،” މާލޭގައި ފެން ބޮޑުވެއްޖެ ނަމަ، ރައްޔިތުން އުފުލާ ވޭން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މާލޭގައި ފެން ހިންދަން ހުސް ޖާގައެއް ނެތް ކަމަށެވެ. އަދި މާލެ އަށް “އޮހޮރޭ ހުރިހާ ފެނެއް” ޖެހެނީ ބޭރު ކުރަން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. މި ފަހުން މާލޭގެ އެކި ސަރަހައްދުތައް ހިއްކައި ކަންކަން ކުރި އިރު، ހަދާފައި ހުރީ ފެންތައް ބޭރުވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ގުދުރަތީ ގޮތުން ބައެއް ރަށްތައް ހެދިފައި ހުރީ އަމިއްލަ އަށް މޫދަށް ފެން ފައިބައިގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ރޭ ފަތިހު ވެސް މާލެ އަށް ކުރި ވިއްސާރައިގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި މާލޭގައި އާންމުކޮށް ފެން ބޮޑުނުވާ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވި އެވެ.

Advertisements