އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަމުގައި ހަނާވަމުންދާ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އެހީވުމުގެ މާތް ނިޔަތުގައި ދިވެހި ފަންނާނުން އަތުކުރިއޮޅާލައިފިއެވެ.

މި މާތް މަގްސަދުގައި "އިންސާނިއްޔަތަށްޓަކައި" ގެ ނަމުގައި ދިވެހި ފިލްމް އެސޯސިއޭޝަނުން އިސްނަގައިގެން، ހުރިހާ ފަންނާނުންނާއި ފަންނާނުންނާ ގުޅުންހުރި ފަރާތްތަކުން ރާވާފައިވާ ބޮޑު އިވެންޓް އިއްޔެ ވަނީ ލޯންޗް ކޮށްފައެވެ.

އިއްޔެ ހަވީރު އޮލިމްޕަސް ކުރިމަތީ މި ބޮޑު އިވެންޓް ފެށުމުގެ ގޮތުން ފިލްމީތަރިންނާއި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދާއިރާއާ ގުޅުން ހުރި ފަރާތްތަކުން ވަނީ ފަންޑު ފޮށްޓަށް ފައިސާ ހަދިޔާކޮށްފަ އެެވެ.

ރޭވިފައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނޭ އެކި ހަރަކާތްތަކުގެ ތެރެއިން އޮލިމްޕަހުގައި އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އޮންނަ ފިލްމު ފެސްޓިވަލުގެ ޓިކެޓްތައްވެސް އިއްޔެ ވަނީ ވިއްކަން ފަށާފައެވެ. 100 ރުފިޔާއަށް ވިއްކާ މި ޓިކެޓްތަކުން ލިބޭ ހުރިހާ ފައިސާއެއް ވެސް ވަންނާނީ ޣާޒާ ފަންޑަށެވެ.

ތަފާތު ގިނަ ހަރަކާތްތަކެއްގެ މައްޗަށް ރޭވިފައިވާ ފަންނާނުންގެ މި މަސައްކަތުގެ ތެރެއިން މިއަދު ކުޑަކުދީންގެ ހަވީރެއް އޮންނާނެއެވެ. އާޓިފިޝަލްބީޗްގައި ކުރިއަށް ގެންދާ މިހަވީރުގައި އެކިފަރާތްތަކުގެ އެހީއާއެކު ޖަމްބަލް ސޭލްތައް ވެސް ކުރިއަށްދާނެ ކަމަށް އިވެންޓު ރޭވުމުގައި އިސްކޮށް މަސައްކަތް ކުރާ ފިލްމީތަރި މަރިޔަމް އައްޒަ ވަނީ މައުލޫމާތު ދީފައެވެ.

"އިންސާނިއްޔަތަށްޓަކައި" އިވެންޓުގައި މާލެ ސަރަހައްދުން އެކި ކަހަލަ މަސައްކަތްކޮށްގެން ފަންޑަށް ފައިސާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ފަަލަސްތީނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރަމުން އަންނައިރު އިއްޔެ ހަވީރުވަނީ މާލޭގެ ޕިކަޕް ކޮމިއުނިޓީއިން ފަލަސްތީނުގެ ދިފާއުގައި ޕިކަޕް ބުރެއްވެސް ބާއްވާފައެވެ.