އިސްރާއީލުން ޣައްޒާ ދެކޮޅަށް ޢުދުވާން ހިންގަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެ ރަޝިޔާގެ ފޮރިން މިނިސްޓަރ ސާގޭ ލަވްރޯވް އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެެއެވެ.

ލަވްރޯވް، ބެލާރޫސްގެ ދައުލަތުގެ މީޑިޔާއަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތަކުގެ ނޭދެވޭ އަސަރު ޖީލުތަކަށް ދެމިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"އިޒްރޭލުން ޣައްޒާ ހަލާކު ކޮށްލައިފިނަމަ ނުވަތަ އެތަނުން 2 މިލިއަން މީހުން ފޮނުވާލައިފިނަމަ މިކަމުގެ ސަބަބުން ޒަމާންތަކެއް ނޫންނަމަ ދިހަވަރަކަށް އަހަރު ދުވަހުގެ މުސީބާތެއް ކުރިމަތިވާނެ" ޣައްޒާގެ އާބާދީ ސަލާމަތް ކުރުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވަމުން ލަވްރޯވް ވިދާޅުވި އެވެ.

މި ބަސްދީގަތުމުގައި ލަވްރޯވް ވަނީ އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތަކަށް އެމެރިކާއިން އެއްބާރުލުންދޭތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. "އދ.ގެ ތެރެެއިން އިޒްރޭލާ ދެކޮޅަށް ނިންމަން މަސައްކަތް ކުރާ ކޮންމެ ނިންމުމެއް އެމެރިކާއިން އެދަނީ ވީޓޯ ކުރަމުން. މިއީ ހިތާމަހުރި ކަމެއް" ލަވްރޯވް ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓުވައި އިންސާނީ އެހީ ޣައްޒާއަށް އެތެރެ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ރަޝިޔާއިން ޤަރާރެއް ހުށަހެޅިއެވެ. އެކަމަކު އެޤަރާރުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސްޖަމާއަތް ކުއްވެރި ކޮށްފައިނުވާ ކަމަށް ބުނެ އެޤަރާރު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސުން ވީޓޯ ކުރީއެވެ.