ފަލަސްތީނުގެ ގާޒާއިން ތެޔޮ ހުސްވެ، ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

މިހާތަނަށް 8000 މީހުން ވަނީ ޝަހީދު ކޮށްލާފައިވާއިރު، ރަހުމުކުޑަ އިޒްރޭލުންވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ އެންމެހައި މަގެއް ބަންދުކޮށްލާފައިއެވެ. މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރޭލަށް ދޭންފެށި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ދޭންފެށި ހަމަލާތަކާއި އެކު ގާޒާއަށް ފެނާއި ކާބޯތަކެތި ލިބޭނެގޮތަށް ވަނީ ހުރަސްއަޅާފައެވެ.

އެހެންނަމަވެސް، މި މަހުގެ 21 ވަނަ ދުވަހު އިޒްރޭލުން ވަނީ އިންސާނީ އެހީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ވެއްދުމުގެ ހުއްދަ ވަނީ ދީފައިވީ ނަމަވެސް ތެޔޮ ވެއްދުމުގެ ހުއްދަ ދީފައެއްނުވެއެވެ. އެހެންކަމުން، އެމްބިއުލާންސްތައް ދުއްވުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އައިއޭސީން ބުނެފައިވާއިރު، މިވަގުތު ސިއްހީ އެހީތެރިކަން ފޯރުކޮށް ދެވެނީ އެންމެ 3 ޕަސެންޓަށްކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އަނިޔާވެރި އިޒްރޭލުން ނަސްލެއް ނައްތާލުމަށް ހިންގަމުންދާ ރަހުމުކުޑަ އުދުވާނުގައި މިހާތަނަށް 8000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މީގެ ތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނެވެ.